އެއްގޮތަކަށްވެސް އަންހެން ބޭފުޅުން ބާކީކޮށްލާކަށް ބޭނުމެއް ނޫން ކަމަށާއި އަންހެން ބޭކަނބަލުންނަށް މިހާރަށް ވުރެ ވެސް އިތުރު ފުރުޞަތުތައް ލިބެން އެބަޖެހޭ ކަމަށް ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
މެންބަރު އައިބީ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ ޖެންޑަރ އީކްއަލިޓީގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
އައިބީ ވިދާޅުވި ގޮތުގައި މި ބިލު ދިވެހިރާއްޖެއަށް މުހިއްމުވެގެން މި އަންނަނީ ދިވެހިރާއްޖެއަކީ ވެސް ބައިނަލް އަޤްވާމީ މުޖުތަމަޢުގެ ތެރޭގައި ވާ ޤައުމަކަށް ވެފައި މިފަދަ ބިލެއް އޮތުމަކީ މިފަދަ ގާނޫނެއް ވުޖޫދުގައި އޮތުމަކީ ބޭނުންތެރި ކަމަކަށް ވާތީއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުތައް ހެދިފައިވާ ގޮތުން މުހިއްމު އިލެކްޝަންތަކަށް ވާދަކުރުމުގެ ފުރުޞަތުތައް ދެ ޖިންސަށް ހަމަހަމައަށް ހުޅުވައިލެވިފައި ވާކަމަށާއި ވާދަވެރި އިންތިޚާބުތަކުގައި އަންހެނުން ކުރިމަތިލުމަށް މަރުޙަބާ ކިޔާކަމަށް ވެސް އައިބީ ވިދާޅުވިއެވެ.