ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ސްޓޭޖުގައި އާސެނަލް އަދި ބާސެލޯނާގެ ފުރަތަމަ ލެގުގައި އާސެނަލްގެ އަމިއްލަ ދަނޑުގައި ބާސާ ކުރި ހޯދައިފިއެވެ.
މިމެޗުން ބާސާ މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. ދެ ގޯލުވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އަދި ދެ ގޯލުވެސް ފެނިގެންގޮސްފައިވަނީ ލިއޯ މެސީގެ ފަރާތުންނެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައިވާ އިރު ބާސެލޯނާ އިން ވަނީ %70 ބޯޅަ ޕޮސެޝަން ނަގާފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ. އާސެނަލް ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.
ހަމަލާތައް އުފައްދައި ގޯލު ނުޖެހުމުގެ ސަބަބުން ބާސާ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.
މެޗުގެ ފުރަތަމަ ގޯލު 71 ވަނަ މިނެޓުގައި މެސީ ޖަހާފައިވަނީ ކައުންޓާ އެޓޭކުގައެވެ. އާސެނަލްއިން ގޯލު ޖެހުމަށް ކުރިއަށް ގޮސްފައިވަނިކޮށް ބޯޅަ އަތުލައި ނޭމާ އަދި ސުވަރޭޒް ގެ އަވަސް ކުޅުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން މެސީ އަށް ދިން ބޯޅަ މެސީ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ.
ދެވަނަ ގޯލު ޖަހާފައިވަނީ 83 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ފްލެމިނީ ކުރި ފައުލްއެއްގެ ސަބަބުން ލިބުނު ޕެނަލްޓީއަކުންނެވެ.
މެޗު ނިމިގެން އާސެނަލްގެ މެނޭޖަރ، އާސެން ވެންގާ ބުނެފައިވަނީ ބަލިވީ ރަނގަޅު ފުރުސަތު ތައް ލިބުނު ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފުމުން ކަމަށެވެ. އަދި ބާސެލޯނާ ފަދަ މޮޅު ޓީމަކާ ދެކޮޅަށް ކުޅޭއިރު ފުރުސަތުގެ ބޭނުން ނުހިފޭނަމަ އެމީހުން އެކަމުގެ އަދަބު ދޭނެކަމަށެވެ. މިރޭގެ މެޗުގައި ފެނިގެންދިޔައީ އެމަންޒަރު ކަމަށް ވެންގާ ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން އަމިއްލަ ދަނޑުގައި 0-2 ގެ ނަތީޖާ އަކުން ބަލިވުމަކީ އިތުރަށް ކުރިއަށް ދިއުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް ވެންގާ ވަނީ އެއްބަސްވެފައެވެ.