ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި އިޓަލީގެ ޔުވެންޓަސް އަދި ޖަރުމަނުގެ ބެޔާން މިއުނިކް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ޔުވެންޓަސް ގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާ އަކުން ބެޔާން ކުރީގައި އޮވެގެންނެވެ. މެޗުގެ ލީޑު ނެގުމުގެ އިތުރުން ބެޔާން އިން ވަނީ މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މިގޯލު ޖަހާފައިވަނީ ފޯވާޑް ތޯމަސް މުލާއެވެ. ގޯލު ޖެހުމުގެ ކުރިންވެސް މުލާ އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ.
ބެޔާން ގެ ދެވަނަ ގޯލު މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޭގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ރޮބެން އެވެ.
ދެގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ޔުވެންޓަސް ގެ ޒުވާން ކުޅުންތެރިޔާ ޕައުލޯ ޑިބާލާ ވަނީ 63 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ކުޑަކޮށްފައެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްޓެފެނޯ ސްޓުއާރޯ އެވެ. މި ގޯލު ފެނިގެން ގޮސްފައި ވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ.
މެޗުގެ ނަތީޖާ އެއްވަރުވެ ނިމުމުން ބޮޑަށް ފައިދާ ކުރާނީ ބެޔާން އަށެވެ. މެޗުގެ ދެވަނަ ލެގު ބެޔާން ގެ ދަނޑުގައި ކުޅޭއިރު އެމެޗުން އެއްވަރު ވެއްޖެނަމަ ދެން ބަލާނީ އެވޭ ގޯލަށެވެ. އެގޮތުން ބަލާއިރު ކުރީގައި އޮތީ ބެޔާން އެވެ.
މިމެޗުގެ ދެވަނަ ލެގު ކުޅޭނީ މާޗު މަހުގެ 16 ވަނަ ދުވަހުގައެވެ.