އެކިއެކި ވިޔަފާރިވެރިން ތަފާތު އަދަދުތަކުން ފައިސާ ދެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ އެމަނިކުފާންގެ ސިޔާސީ ހަރަކާތްތަކަށް ގިނަ އަދަދެއްގެ ފައިސާ އެކި ފަރާތްތަކުން ދެއްވި ކަމަށެވެ. އަދި އެފައިސާގެ އަދަދީ ކިހާ މިންވަރެއްކަން އެނގިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ލިބިލެއްވި ފައިސާގެ ކަންކަން ބެލެހެއްޓެވީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށެވެ.
"ފައިސާގެ ފައިދާ ކާކަށްތޯ ނުލިބެނީ؟ ފައިސާގެ ފައިދާ ކާކަށްތޯ ނުލިބެނީ؟ އެކަކު އަނެކަކަށް އެހީތެރިވާން ދޭން ފައިސާ އަދި ސޮދަގާތެއްގެ ގޮތުން ދޭ ފައިސާ ވެސް އެ ބަލައިގަންނަ މީހާ ބަލައިގަނެތޯ އެއީ ސައްހަ ގޮތެއްގައި އޭނާއަށް ލިބުނު ފައިސާ އެއްތޯ؟ ނޫނިއްޔާ އެމީހާ އެފައިސާ ހޯދީ ސައްހަ ގޮތެއްގައިތޯ ކާކުތޯ ބަލައިގަންނަނީ؟ އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި އަހްމަދު އަދީބް އެބަހުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް އަދި އެހެން މީހުންނަށްވެސް އެހީތެރިވެވަޑައިގެންދެއްވާފައި،" ރައީސް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭގޮތުން ރައީސް މިއަދު ވެސް ވިދާޅުވީ އެެއީ ދިވެހި ތާރީހުގައި މިހާތަނަށް ހިންގާފައިވާ ކޮރަޕްޝަންގެ އެންމެ ބޮޑު އަމަލު ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަަމަށެވެ. ރައީސް މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިއިރު އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
އަދި އެފައިސާގައި ސަރުކާރުގައި މިވަގުތު ތިއްބެވި އެއްވެސް ވަޒީރަކާއި އަދި އެމަނިކުފާނު ވެސް ޖެހިވަޑައިގެންފައި ނުވާ ކަަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޖަރީމާގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ބޭފުޅަކީ އަދީބް ކަމަށެވެ.
ރައީސް ޔާމީން ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާން އަށް ލިބި ލެއްވިކަމަށް ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން އާއި ގުޅުވައިގެން ބޮޑެތި ކަރަޕްޝަން މައްސަލަތަކުގެ ތުހުމަތުތައް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.