ދިވެހިރާއްޖޭގައި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ހިނގާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން އެއްބަސްވެވަޑައިގެންފިއެވެ.
އއ. ތޮއްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމް.އެމް.ޕީ.އާރު.ސީ.ގައި ހިނގާދިޔަ ބޮޑު ކޮރަޕްޝަންގެ މައްސަލަ ފަދަ ކޮރަޕްޝަނެއް ދިވެހިރާއްޖޭގައި ދުވަހަކުވެސް ނުހިނގާ ކަމަށެވެ.
ކޮރަޕްޝަނަކީ ދިވެހިރާއްޖޭގެ އިއްޔެގެ އުފެއްދުމެއް ނޫން ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ ދިވެހިރާއްޖޭގެ އުފެއްދުމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެވާހަކަ ދައްކަވަނީ އެއްވެސް ގޮތަކަށް އުފާވެރިކަމާއި ފަޚްރުވެރިކަމާއެކީއެއް ނޫން ކަމަށާއި އެއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދް އަދީބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދީބަކީ އެމަނިކުފާނަކީ، ވަރަށް ގާތް ބޭފުޅެއް ކަމަށާއި އަދި މަޤާމުގެ ގޮތުން ވަރަށް ވަރުގަދަ މަޤާމެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ.
ނައިބު ރައީސަކަށް ހުންނެވި ބޭފުޅެއްގެ ތެރެއިން މިވަރުގެ ބޮޑުސިންގާ ޖަރީމާއެއް ހިނގާދިޔައީމާ އެކަމާއި ހިތާމަކުރައްވާ ކަމަށާއި އެކަމަކު އެ ޖަރީމާއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާއިރު އެއީ ކޮށްފައި އޮތް ކަމެއް ކަމުގައި ގަބޫލުކުރަންޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.