ރައްޔިތުންގެ މަޖިލީހަކީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތް ކުރާ މެންބަރުން ތިބި ތަނެއްތޯ ރައްޔިތުން އަބަދުވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ. މަޖިލީހުގެ މެންބަރުންގެ ފަރާތުން ފަހަކަށް އައިސް ފެންނަ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ޢަމަލުތައް އެހެން ހަރުފަތަކަށް މިހާރު ވަނީ ގޮސްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި މާރާމާރީ ހިންގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކަވައި އިންޒާރު ދެއްވުން މިވަނީ އާންމު ކަމަކަށް ވެފައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ހަސަން މަނިކު، މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ގަޔަށް އަނގައިން ފެން ޖެހި މައްސަލަ ހޫނުވެގެން ދިޔައިރު ފާހަގަ ކުރެވުނު އެއްކަމަކީ، ދާންދޫ ދާއިރާގެ މެންބަރު އައްސަދުގެ ފަރާތުން މަހުލޫފަށް ދިން އިންޒާރުތަކެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއެއްގައި (2 އަކުރުގެ ހުތުރު ބަހެއް) ހުތުރު ބަހެއް ބޭނުންކޮށްގެން ހުތުރު ބަހުން މެންބަރު އައްސަދު ވާހަކަ ދައްކަވައި މަހުލޫފަށް ވަނީ އިންޒާރު ދެއްވާފައެވެ.
"ކަލޭ ކަލޭގެ ސައިޒުގައި ވާތި.ކަލޭ އަށް ޔާމީނު އާއި ވެސް ކުޅެވިއްޖެ. ކަލެއަށް އަދީބު އާއި ވެސް ކުޅެވިއްޖެ.
ތިކުޅެވުނީ އަސްލު މީހާ އާއި ކަލެއަށް ތިކަން ދައްކުވާދޭނަން" މެންބަރު އައްސަދު ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު އައްސަދުގެ ފަރާތުން މަހުލޫފަށް އިންޒާރުތަކެއް ދީފައިވާއިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ރައީސް އަބްދުﷲ ޔާމީން އާއި ބައްދަލުކުރެއްވުމަށް ފަހު ގ.ދޫވެހިން ނިކުންނެވި ވަގުތު އެތަނުގައި ތިބި ނޫސްވެރިންނަށް ހުރަސް އެޅުމަށް އައްސަދު މަސައްކަތް ކުރައްވާފައި ވެއެވެ.
ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އައްސަދު ވަނީ އެތަނުން ނޫސްވެރިން ފޮނުވާލުމަށް ގްރޫޕެއްގެ ބަޔަކު ގެނެސް އެމީހުންނަށް އިރުޝާދު ދީފައެވެ.