ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ)ގެ މޫނަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީދަރު ނިހާން "އަގަ ދޮވުނު" ފެން ޖެހުމާއި ގުޅިގެން، އެއީ ބައޯޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކޮށް، ނިހާންގެ މެޑިކަލް ރިޕޯޓް ހޯދުމަށް ކޯޓަށްދާން ރޮޒޭ ނިންމައިފިއެވެ.
ރޮޒޭ ވިދާޅުވީ ނިހާން ވަނީ ދާދި ފަހުން ފުއްޕާމޭގެ ބައްޔަކަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވާފައި ކަމަށެވެ. އަދި އެހެންވެ ނިހާންގެ މެޑިކަލް ރިޕޯޓް ހޯދުމަށް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
“ވަރަށް ފަހުންފުއްޕާމޭގެ ބައްޔަކަށް ރާއްޖޭންނާއި އިންޑިއާއިން ފަރުވާ ހޯދާފައިވާތީ، އެއީ ކޮން ބައްޔެއްތޯ ބެލުމަށް އެމަސައްކަތް ކުރަމުން މިދަނީ” ރޮޒެއިނާ ވިދާޅިވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރޮޒޭގެ މަންމަ އަށާއި ބައްޕައާއި ބެހި ހުތުރުބަހުން މުޢާމަލާ ކުރަން ފެށުމުން ރޮޒޭ ވަނީ ނިހާންގެ މޭޒު ކުރި މައްޗަށް ހުއްޓި ނިހާންއަށް ވަގަށް ގޮވާފައެވެ. އޭގެ ފަހުން ދެން ފެނިގެން ދިޔައީ ކުރިމަތީގައި ހުރި ތަށިން ފެން ކޯވަރެއް ބޯލުމަށް ފަހު ރޮޒޭގެ މޫނަށް އެ ފެން ޖެއްސިތަނެވެ. އެއާއި އެކު ރޮޒޭ ވަނީ ނިހާންގެ ގަޔަށް ފެން ޖަހާފައެވެ.
މިއާއި އެކު މައްސަލަ ހޫނުވެ މަޖްލިސްގެ ޖަލްސާ މެދުކެޑުނެވެ.
ރޮޒޭގެ މޫނަށް ނިހާން ފެންޖެހި މައްސަލަ އެތައް ބަޔަކު ގެންދަނީ ކުށްވެރި ކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކާއި، އަންހެނުންގެ ހައްގުތައް ހިމާޔަށް ކުރާ ޖަމާއަތްތައް ހިމެނެއެވެ.