ރައީސް އަބްދުﷲ ޔާމީން، ވިޔަފާރިވެރިންގެ އަތުން ފައިސާ ލިބިލައްވާ، ކަމަށާއި، ނަމަވެސް އޭގެ ތަފްސީލެއް އެނގިވަޑައި ނުގަންނަވާކަމަށް ދިވެހި ރައްޔިތުންނާއި މުހާޠަބްކޮށް، ވިދާޅުވެފައިވާތީ، ޤާނޫނު ނަމްބަރ2/2000 "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު" އާ ޚިލާފަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ރިޝަވަތު ނަންގަވާފައިވާ މައްސަލަ ބަލައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅައިފިއެވެ.
އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ރައީސްގެ މަޤާމުގައި ހުންނަވައިގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ނަންގަވަމުން ގެންދަވާ ކަމަށާއި އެފައިސާގެ ތަފްސީލް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެކަށީގެންވާ ރަނގަޅު އަދަދެއްގެ ފައިސާއެއް ލިބިވަޑައިގެންފިނަމަ، އެފައިސާ ދިން މީހެއްގެ ކައިރީގައި އެފައިސާ ހޯދިގޮތެއް ނުބައްލަވައި ފައިސާ ނަންގަވަމުން ގެންދަވާ ކަމަށް އަމިއްލަ އިއުތިރާފުން އެނގެން އޮންނާތީއާ، އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކިގޮތްގޮތުން ނަންގަވަމުން ގެންދަވާ ފައިސާގެ ތަފްސީލް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިއުތިރާފްވެވަޑައިގެންފައިވާތީ، ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ހުށަހެޅުމަށް ލާޒިމްކޮށްފައިވާ މާލީ ބަޔާނުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނަންގަވާފައިވާ ފައިސާގެ ތަފްސީލް ހިމަނާފައި ނުވާނޭކަން ޝައްކެނެތް މިންވަރަށް އެނގޭތީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޝްވަތު ނަންގަވާފައިވާ މައްސަލަ ބަލައި ދިނުމަށެވެ.
މި މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތުން ވަނީ މިމަހުގެ 24 ވަނަ ދުވަހު ރައީސް ޔާމީން އއ. އުކުޅަހުގައި ދެއްކި ކަމަށް ، ރާއްޖޭގެ ނޫސްތަކުގައި ޖަހާފައިވާ ހަބަރުތަކުގެ ކޮޕީވެސް އޭސީސީއަށް ހުށަހަޅާފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ވިޔަފާރިވެރިން އަތުން ފައިސާ ލިބުނު ކަމަށާއި، އޭގެ ތަފްސީލް އެނގިވަޑައިގަންނަވާނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއަށް ކަމަށެވެ.
ރައީސްގެ މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި އިރު އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު އެމަނިކުފާންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާވި ކަމަށް ބުނާ މައްސަލައެއް ދަނީ ތަހްގީގް ކުރަމުންނެވެ.