އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު އަދި ވާދަވެރި ދެޓީމު މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލް ބައްދަލު ކުރި މެޗު މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑް މެޗު ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުުންނެވެ.
މިސީޒަނުގެ ކުރީކޮޅު އާސެނަލް ގެ ދަނޑުގައި ކުޅުނު މެޗު 0-3 ގެ ނަތީޖާ އަކުން އާސެނަލް ކާމިޔާބުކޮށްފައިވަނިކޮށް މިދަނޑިވަޅުގައި އާސެނަލްގެ ބަލިކުރެވުމަކީ މެންޗެސްޓާ ޔުނައިޓެޑަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ބެލެވެއެވެ.
މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ޖަހާފައިވަނީ 18 އަހަރުގެ ޒުވާން ކުޅުންތެރިޔާ މާކަސް ރަޝްފޯޑްއެވެ. މިއީ ރަޝްފޯޑް ގެ ފުރަތަމަ ޕްރިމިއާ ލީގު މެޗެވެ.
މެޗުގެ ދެވަނަ ގޯލު 3 މިނެޓު ފަހުން ފެނިގެން ދިޔައީ އަނެއްކާވެސް ޒުވާން ފޯވާޑް ރަޝްފޯޑްގެ ފަރާތުންނެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ކުރީގެ ޔުނައިޓެޑް ފޯވާޑް ޑެނީ ވެލްބެކް ވަނީ އާސެނަލް އަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.
ޔުނައިޓެޑުގެ ތިން ވަނަ ގޯލު 65 ވަނަ މިނެޓުގައި ޖަހާފައިވަނީ އެންޑަ ހެރޭރާ އެވެ. މިގޯލު ޖެހުމަށް އެހީތެރިވެދީފައިވަނީ ފުރަތަމަ ދެ ގޯލު ކާމިޔާބުކުރި ރަޝްފޯޑް ކަން ފާހަގަ ކޮށްލެވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް ދެވަނަ ފަހަރަށް ލީޑު ފުޅާ ކުރިތާ ތިން މިނެޓު ފަހުން އާސެނަލް ވަނީ އެ ލީޑު އަނެއްކާވެސް ހަނިކޮށްފައެވެ. އާސެނަލްގެ ދެވަނަ ގޯލު ޖަހާފައިވަނީ ޖަރުމަނުވިލާތުގެ މިޑްފީލްޑަރ މީސުޓް އޮޒިލްއެވެ.
ގިނައަދަދެއްގެ ސީނިއާ ކުޅުންތެރިންނާ ނުލާ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އާސެނަލް ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔައި ހިތްދަތި މޫނުތަކާއެކުގައެވެ.
މެޗު ފެށުމުގެ ކުރިން އާސެނަލްގެ މެނޭޖަރ އާސެން ވެންގާ ބުނެފައިވަނީ މި މެޗަކީ އާސެނަލް ތަށި ހޯދުމަށް އެންމެ މުހިންމު މެޗު ކަމުގައެވެ. އަދި މެޗުން ބަލިވުމުން ވަނީ އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ.
ލެސްޓާ ސިޓީ އަދި ޓޮޓެންހަމް ދެ ޓީމު ވެސް ކުޅުނު މެޗުތަކުން މޮޅުވެފައިވާއިރު އާސެނަލް މިހާރު އޮތީ އެއްވަނައިގައި އޮތް ލެސްޓާ އަށް ވުރެ 5 ޕޮއިންޓު ފަހަތުގައެވެ.
ޓޮޓެންހަމް ހޮޓްސްޕާސް އަދި ސްވެންސީ ބައްދަލު ކުރި މެޗު ސްޕާސް އިން ކާމިޔާބުކޮށް އާސެނަލްއަށް ވުރެ ދެ ޕޮއިންޓު ކުރިއަށް ޖެހިލާފައިވާއިރު ލެސްޓާ އާދެމެދު އޮތީ ދެޕޮއިންޓުގެ ފަރަގެކެވެ.