12 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ހޮލީވުޑްގެ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ހޯދައިފިއެވެ. ލިއޯ އޮސްކާ ހޯދާފައިވަނީ މިދިޔަ އަހަރު ނިކުތް 'ދަ ރެވެނެންޓް' ގައި އޭނާ ކޮށްފައިވާ މަސައްކަތަށެވެ.
'91 ވަނަ އަހަރުގައި ފިލްމު ކުޅެން ފެށި ލިއޯ ވަނީ 24 ފިލްމު ސްޓާރ ކޮށް 40 ވުރެ ގިނަ ތަފާތު އެވޯޑް ހޯދައި 6 ފަހަރު އޮސްކާ އަށް ނޮމިނޭޓް ވެފައެވެ. ނަމަވެސް މިއީ އޭނާގެ ފުރަތަމަ އޮސްކާއެވެ.
މިފަހަރުގެ އޮސްކާގައި ލިއޯ އާ ވާދަ ކޮށްފައިވަނީ 'ދަ މާޝިއަން' އިން މެޓް ޑޭމަން، 'ޓްރަމްބޯ' އިން ބްރަޔަން ކްރޭންސްޓަން، 'ސްޓީވް ޖޮބްސް' އިން މައިކަލް ފެސްބެންޑާރ އަދި 'ދަ ޑެނިޝް ގާރލް' އިން އެޑީ ރެޑްމޭން އެވެ.
އޮސްކާ ލިބުމުން ލިއޯ އޭނާގެ ވާހަކައިގައި ނޮމިނޭޓް ވި އެކްޓަރުންނާއި ފިލްމުގެ ކާސްޓް އަދި ކްރޫ އަށް ޝުކުރު އަދާކުރުމަށް ފަހު ދައްކާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވާހަކައެވެ. ފިލްމީ ދާއިރާގެ އިތުރުން ލިއޯ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
އިތުރު އެވޯޑް ތަކަށް ބަލާއިރު އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވިފައިވަނީ 'ރޫމް' އިން ބްރީ ލާރސަންއެވެ. އެންމެ މޮޅު ޑައިރެކްޓަރަކަށް 'ދަ ރެވެނެންޓް' ގެ ޑައިރެކްޓަރ އެލެހަންޑްރޯ ގޮންޒާލެޒް ހޮވިފައިވާއިރު އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ 'ސްޕޮޓްލައިޓް' އެވެ.