އިނގިރޭސި ފުޓުބޯޅަ ލީގު ކަޕް ނުވަތަ ކާލިންގ ކަޕުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ހޯދައިފިއެވެ. ރޭކުޅުނު ފައިނަލް މެޗުގައި ބައްދަލު ކުރީ މެންޗެސްޓާ ސިޓީ އަދި ލިވަޕޫލްއެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ސިޓީ އިންނެވެ. 49 ވަނަ މިނެޓުގައި އެގުއޭރޯގެ ޕާހަކުން މިގޯލު ޖަހާފައިވަނީ ފާނެންޑީނިއޯއެވެ.
ލިވަޕޫލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 83 ވަނަ މިނެޓުގައި ފިލިޕް ކޫޓީނިއޯ އެވެ. ލިވަޕޫލް އިން ނަތީޖާ އެއްވަރުކުރުމުގެ ކުރިން ސިޓީ އަށް ލީޑު ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ. ޚާއްސަކޮށް ކުރީގެ ލިވަޕޫލް ކުޅުންތެރިޔާ ރަހީމް ސްޓާލިންގ އަތުން ހެދުނު ގޯސްތައް ފާހަގަ ކޮށްލެވެއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ނަތީޖާއަކަށް އިތުރު ބަދަލެއް ގެނެވިފައިނުވާތީ ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
އިތުރު ވަގުތުގެ ތެރޭގައި ދެ ޓީމުގެ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ހޫނުވެ ތަޅާފޮޅާ ހިސާބަށް ގޮސްފައިވެއެވެ. އެގޮތުން ސިޓީގެ ޔާޔާ ޓޯރޭ އަދި ލިވަޕޫލްގެ އެޑަމް ލަލާނާ ހުއްޓުވަން ދެޓީމުގެ ކުޅުންތެރިން ވަންނަން ޖެހުނެވެ.
ޕެނަލްޓީއިން ސިޓީ މޮޅުވެފައި ވަނީ 1-3 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ޕެނަލްޓީ ލިވަޕޫލް ގެ ޗާން ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ސިޓީގެ ފުރަތަމަ ޕެނަލްޓީ ފާރނަންޑީނިއޯއަށް ކާމިޔާބު ނުކުރެވުނެވެ. ލިވަޕޫލް ގެ ދެވަނަ ޕެނަލްޓީ ޖަހާފައިވަނީ ލޫކަސް އެވެ. އޭނާގެ ޕެނަލްޓީ ސިޓީގެ ކީޕަރު ކަބަލޭރޯ ވަނީ ހުޝިޔާރުކަމާއެކު މައިތިރި ކޮށްފައެވެ.
ސިޓީގެ ދެވަނަ ޕެނަލްޓީ ޖީސަސް ނަވާސް ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ.
ލިވަޕޫލްގެ ތިން ވަނަ ޕެނަލްޓީވެސް ކަބަލޭރޯ ވަނީ ހުއްޓުވާފައެވެ. ފިލިޕް ކޫޓީނިއޯ މަޑުމަޑުން ފޮނުވާލި ޕެނަލްޓީ ކަބެލޭރޯ ފަހަނަޅައި ދެވޭނެ ގޮތެއް ނުވިއެވެ. ސިޓީގެ ތިންވަނަ ޕެނަލްޓީ އަގުއޭރޯ ވަނީ ކާމިޔާބުކޮށްފައެވެ.
ލިވަޕޫލްގެ ހަތަރު ވަނަ ޕެނަލްޓީވެސް ކަބަލޭރޯވަނީ މަތަކޮށްފައެވެ. އެޑަމް ލަލާނާ ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ކަބަލޭރޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ސިޓީ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ޔާޔާ ޓޯރޭއެވެ.
މެޗު ފެށުމުގެ ކުރިން ސިޓީގެ 1ވަނަ ކީޕަރުގެ ބަދަލުގައި އެހެން މީހަކު އެރުވުމުން ގިނަ ބަޔަކު މެނޭޖަރު ޕެލެގްރިނީ އަށް ފާޑު ކިޔާފައިވެއެވެ.
މެޗު ނިމިގެން ޕެލެގްރިނީ އަށް ފާޑު ކިޔާނެ ފަރާތެއް ފެނިފައި ނުވެއެވެ.
މިއީ މެންޗެސްޓާ ސިޓީ ލީގު ކަޕު 3 އަހަރު ތެރޭގައި ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.