Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ސޯބެގެ މައްޗަށް ކަރަޕްޝަން ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)ގެ މައްޗަށް މަގާމާއި ނުފޫޒު ބޭނުން ކޮށްގެން ކަރަޕްޝަނ ހިންގާފައި ވާ ކަމަށް ބުނާ މައްސަލައެއް އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ.

ސޯބެގެ މައްޗަށް ދައުވާކުރަން އޭސީސީ އިން ޕީޖީއަށް ފޮނުވާފައިވަނީ 17 ވަނަ ސާކް ސަމިޓަށް އައްޑޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ބެހެއްޓުމަށް ސިމެންތިން ހަދާފައިވާ 369،500 ރުފިޔާގެ ކުރެހުންތައް ހެދީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށާއި އަދި އެ ކުރެހުންތައް އެއްގޮތަކަށްވެސް ބޭނުން ކޮށްފައި ނުވާ ކަމަށް ބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލައެއް ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީ އިން ބުނީ މި މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި އޮގަސްޓް 2011 އިން ފެށިގެން 31 އޮކްޓޫބަރު 2011 އަށް މަހަކު 15000 ރުފިޔާ ދޭ ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ އެންމެހައި ޑިޒައިން އާއި އާޓް ވޯކްގެ ހުރިހާ މަސައްކަތެއް ކުރުމަށް އެ އިދާރާގެ އެއްބަސްވުމަކުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވަނިކޮށް، އައްޑޫ ކޮންވެންޝަން ސެންޓަރުގެ އިންޓީރިއާ ޑެކަރޭޝަން މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮންކްރީޓް ރީފިލް އާޓް ވޯކްގެ މަސައްކަތްތައް އިއުލާން ކުރުމަކާ ނުލައި އެ ކުންފުންޏާ ހަވާލުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން 09 އޮކްޓޯބަރު 2011 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި މި އެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު ކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ.

އޭސީސީ އިން ބުނީ އެ އެއްބަސްވުމުން އެ ފަރާތާ ހަވާލުކުރީ 84 ރީފިލް އާޓް އަދި 20 ސިއްކަ ހެދުމަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް ހަވާލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ހޯދާފައިވާ ދެ އެސްޓިމޭޓުގައި ވަނީ ދެ ފޫޓު ހަތަރު ފޫޓުގެ 10 ރީފިލް އާޓް ހެދުމުގެ އަގު ކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ 21000 ރުފިޔާގެ އެސްޓިމޭޓަކާއި އަދި މަސައްކަތްތައް ހަވާލުކުރެވުނު ކުންފުނިން ހުށަހަޅާފައިވާ 20000 ރުފިޔާގެ އެސްޓިމޭޓެއް ކަމަށެވެ. އޭސީސީ އިން ބުނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި ހަވާލުކޮށްފައިވަނީ 84 ރީފިލް އާޓް އަދި 20 ސިއްކަ ހެދުމަށް ކަމަށްވާތީ އެ ހުރިހާ ތަކެތީގެ ޖުމްލަ އެކަނިވެސް 25000 ރުފިޔާ އަށް ވުރެ ބޮޑުވާނެކަން ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް ރީފިލް އާޓްތައް ހެދުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ނުވާކަން މައްސަލަ އާއި ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ.

އޭސީސީ އިން ބުނީ އެ އެއްބަސްވުމުގައި، އެއްބަސްވުމުގެ ނަންބަރާއި، މަސައްކަތުގެ އަގާއި، ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތް އަދި މަސައްކަތް ނިންމަންޖެހޭނެ ތާރީހް ބަޔާންކޮށްފައިނުވިނަމަވެސް މަސައްކަތް ނިންމުމަށްފަހު ބިލް ހުށަހެޅުމުން ފައިސާ ދޫކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެކޮމިޝަނުން ބުނީ މަސައްކަތް ހަވާލުކުރެވުނު ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި 84 ރީފިލް އާޓް އަދި 20 ސިއްކަ ހަދަންވާނެ ކަމަށާއި އަދި އިތުރު އާޓް ވޯކްގެ މަސައްކަތެއް ކުރަން ޖެހިއްޖެނަމަ އެ މަސައްކަތެއްވެސް ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް އިތުރު މަސައްކަތްތަކެއް ހަވާލުކުރެވުނުކަން ލިޔެކިޔުންތަކުން އިނގެން ނެތް ކަމަށެވެ. އެކަމަކު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް 64 ރީފިލް އާޓްގެ މަސައްކަތްކުރުމަށްފަހު މުޅި މަސައްކަތަށް ޖުމުލަ 336،000 ރުފިޔާ ބިލްކުރުމުން ދެ ފަހަރެއްގެ މަތިން އެ ފައިސާ ދޫކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ.

އެކޮމިޝަނުން ބުނީ ރީފިލް އާޓްގެ މަސައްކަތް ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި ފައިސާ ދޫކުރާނެ ގޮތެއް ބަޔާންކޮށްފައިނުވިނަމަވެސް އެ މަސައްކަތުގެ އަގުގެ 20 އިންސައްތަ އަށްވާ 67،200 ރުފިޔާ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޕޭމަންޓް ވައުޗަރަކުން އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދޫކުރުމުގެ ކުރިން އެ މަސައްކަތަކީ ނިމިފައިވާ މަސައްކަތެއްތޯ ޔަގީންކުރުމަށް އިންސްޕެކްޝަންއެއް ހަދާފައި ނުވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ. އެކަމަކު މަސައްކަތުގެ ބާކީ 80 އިންސައްތަ އަށްވާ 268،800 ރުފިޔާ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޕޭމަންޓް ވައުޗަރަކުން އެ ކުންފުންޏަށް ދޫކޮށްފައިވަނީ އިންސްޕެކްޝަންއެއް ހަދައިގެން ކަމަށާ އެހެންނަމަވެސް އެ އިންސްޕެކްޝަން ހަދާފައިވަނީ ސާކް ސަމިޓު ބޭއްވުނުފަހުން 06 ފެބްރުއަރީ 2012 ގައި ކަން މި މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި ބަޔާންދީފައިވާ ފަރާތްތަކުގެ ބަޔާނުން އިނގޭ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ. އަދި ބުނީ އެ އިންސްޕެކްޝަން އަކީ ސާކް ސަމިޓް ބޭއްވުނުތާ ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުން ހަދާފައިވާ އިންސްޕެކްޝަންއެއް ކަމަށްވާތީ އެ މަސައްކަތް ސާކް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަށް ނިންމުނުކަން ނުވަތަ ނޫންކަން ޔަގީންކުރެވިފައި ނުވާކަން ފާހަގަކުރުވުނު ކަމަށެވެ.

އޭސީސީ އިން އެ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ހަދާފައިވަނީ ކުންފުނީގެ ފަރާތުން ފައިސާ ހޯދުމަށް އައުމުން އައްޑޫސިޓީގެ މޭޔަރު އަންގައިގެން ކަންވެސް ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.

ކޮމިޝަނުން މި މައްސަލައިގެ ޝަކުވާގައި ކޮންވެންޝަން ސެންޓަރު ޒީނަތްތެރިކުރުމުގެ ގޮތުން ހަދާފައިވާ ފިލާތައް އެއްވެސް ގޮތަކަށް ބޭނުންނުކޮށް އެ ސެންޓަރުގެ ކޮޓަރިއެއްގެ ތެރޭގައި ގުދަންކޮށްފައި ހުރިކަމަށް ބުނެފައިވާތީ 18 މާޗް 2014 ގައި ކޮމިޝަނުގެ ތަހުގީގު ޓީމުން ކޮންވެންޝަން ސެންޓަރަށް ދިޔައިރު، އެ ސެންޓަރުގެ ކޮޓަރިއެއް ތެރޭ 168 ރީފިލް އާޓް ބަހައްޓާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި އެއިން އެއްވެސް އާޓް ވޯކެއް ކޮންވެންޝަން ސެންޓަރު ޒީނަތްތެރިކުރުމަށް ބޭނުންކޮށްފައި ނުވާ ކަމަށް މައްސަލަ އާއި ގުޅިގެން ބަޔާންދީފައިވާ ފަރާތްތަކުން ދީފައިވާ ބަޔާންތަކުގައި ބުނެފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ.

އޭސީސީ އިން އިތުރަށް ބުނީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާކުރަން ފޮނުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މީގެ އިތުރުން އައްޑޫސިޓީގެ މޭޔަރުގެ މި އަމަލުގެ ސަބަބުން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ކަމުގައިވާ 336،000 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމުގެ ދައުވާ ކުރުމަށްވެސް އޭސީސީ އިން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.