ފާއިތުވި 16 އަހަރު މުޅިން އިވެނީ އެއްވާހަކައެކެވެ. އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާނެ ވާހަކައެވެ. ފައިސާ ހަމަޖެހިފައިވާ ވާހަކައެވެ. ބިން ސާފު ކުރި ވާހަކައެވެ. އިމާރާތް ކުރެހުމަށް ހުޅުވާލި ވާހަކައެވެ. އިމާރާތެއް ކުރެހި ވާހަކައެވެ. ބިޑަށް ހުޅުވާލި ވާހަކަ އާއި ބަޔަކު ޝޯޓްލިސްޓް ކުރި ވާހަކައެވެ.
ނަމަވެސް އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ކުރި ތަނެއް ނުފެނެއެވެ. މި ފާއިތުވި ތަނުގައި އެންމެ ބޮޑު ކަމަކަށް ހޮސްޕިޓަލާއި ގުޅިގެން ކުރެވިފައިވަނީ ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީ ކަތިވަޅި ހިއްޕަވައިގެން އެތަނުން ގަސް ކެނޑުއްވުމެވެ. އޭގެ ފަހުން މިހާރު މުޅި ހޮސްޕިޓަލްގެ ވާހަކަ އެހެން ގޮތަކަށް ބަދަލުވެއްޖެއެވެ.
ހޮސްޕިޓަލް އެޅުމަށް ފައިސާ ހަމަޖެހިފައި ވާ ވާހަކަ ދައްކާތާވެސް 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް މިހާރުގެ މައްސަލައަކީ ލިބިފައި ހުރި ފައިސާއިން ހޮސްޕިޓަލް އިމާރާތް ކޮށް ނުނިންމޭނެތީ އާ ހޮސްޕިޓަލް އެޅުމުެގ ބަދަލުގައި 17 ވަނަ ސާކް ސަމިޓަށް ތައްޔާރު ކުރި ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް ހެދުމަށެވެ.
ސަރުކާރުން މިހާރު ބުނަނީ އީސީސީ ވީރާނާވާން ދޫކޮށްލުމުގެ ބަދަލުގައި އައްޑޫގައި ހަދަން ނިންމާފައިވާ އާ ހޮސްޕިޓަލް އެތަނަށް ބަދަލު ކުރުމަށް ސަރުކާރުން ވިސްނަމުން އަންނަ ވާހަކައެވެ. އެއާއިއެކު ސަރުކާރުން ބުނަމުންދަނީ އީސީސީ އަކީ ހޮސްޕިޓަލަކަށް ވަރަށް ފުރިހަމަ އިމާރާތެއް ކަމަށެވެ.
ޗަސް ބިމެއް ހިއްކައިގެން ހިތަދޫ މާމެންދޫގައި ކޮންވެންޝަން ސެންޓަރެއް ބިނާ ކުރުން މިހާރުގެ ސަރުކާރުން ކުރިން އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިރު ކަމަކު ނުދިޔައެވެ. އީސީސީ އެތަނުގައި ހެދުމުން އެންމެ ބޮޑަށް ފާޑުކީ ޕީޕީއެމްއިންނެވެ. ހާއްސަ ގޮތެއްގައި އެތަން ޗަސްބިމެއް ހިއްކައިގެން ހެދުމުންނެވެ.
ނަމަވެސް މިއަދުގެ ހާލަތު މިވަނީ ބަދަލުވެފައެވެ. ކުރީގެ ރައީސް ނަޝީދު އިމާރާތް ކުރެއްވ އިމާރާތަކަށް ވުމުން އެތަން ވީރާނާވާން އަދިވެސް ތިބީ ދޫކޮށްލައިގެންނެވެ. ހޮސްޕިޓަލް އެޅުމުގެ އިހްލާސްތެރިކަމެއް ނެތުމުން މިހާރު ޕްލޭން އީސީސީއަށް ބަދަލު ކުރީއެވެ.
އީސީސީގައި ހޮސްޕިޓަލެއް ހެދުމާއި މެދު ގިނަ ބަޔަކު ދަނީ ބޮޑު ބަހުސެއް ކުރަމުންނެވެ. ސަރުކާރުން މިކަމުގައި ރައްޔިތުންގެ މަޝްވަރާއަކަށް ބޭނުންވާ ހެން ހީނުވެއެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ވިސްނާއިރު ސަރުކާރުގެ ސަމާލުކަމަށް ނާންނަ އެކަމަކުވެސް ވަރަށް މުހިއްމު އިމާރާތެއް ނަޝީދު ވަނީ ގަމުގައި އަޅާފައެވެ. ގަމުގެ އެއާޕޯޓްގެ ވީއައިޕީ އިމާރާތެވެ. މިއިމާރާތް ހުރި ލޮކޭޝަނާއި ހަދާފައިވާ ގޮތުން އީސީސީއަށް ވުރެ ފުރިހަމަ ގޮތަކަށް މިތަން ހޮސްޕިޓަލަކަށް ބޭނުން ކުރެވިދާނެއެވެ.
އެއާޕޯޓް ވީއައިޕީ އިމާރާތަށް ބަލާއިރު ޖެހިގެން އޮތީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އިތުރު ފަރުވާ އަށް ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ފުރުވާލެވޭނެ "އިންޓަނޭޝަނަލް ދޮރާށި" މިހިރީ އިންވެގެންނެވެ. އަނެއް ކޮޅުން އެތަނާއި ޖެހިގެން ބަނދަރެއް އޮތުމުން ހުޅުމީދޫން ހޮސްޕިޓަލަށް އަންނަ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ގަމުގައި ހޮސްޕިޓަލް ހިންގައި އެކަމުގެ ފަސޭހަތައް އައްޑޫ ރައްޔިތުން ވަނީ ދެކިފައެވެ. އެހެންވެ އީސީސީ ފަދަ ޗަސްބިމެއްގެ ތެރޭގައި ހުރި ތަނަކަށް ވުރެ އެއާޕޯޓާއި އިންވެގެން ހުރި ތަނަކަށް ހޮސްޕިޓަލް ބަދަލު ކުރުން ކިހިނެއް ހެއްޔެވެ؟
މިކަމަކީވެސް ހަމަ ވިސްނާލަން ރަނގަޅު ކަމެއްކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. ދެން އޮތީ ސިޔާސީ މީހުންގެ ސިޔާސީ ބަހުސެވެ.