ސަރުކާރުން އަބަދުވެސް ދައްކާ ވާހަކައަކީ އަތޮޅުތެރޭގެ ތަރައްޤީއަށް ހަރަދު ކުރާނެ ފައިސާއެއް ދައުލަތުގައި ނެތް ވާހަކައެވެ. އެހެންވެ އަތޮޅު ތަކުގެ ތަރައްޤީ ފަސް ކުރެވޭ ވާހަކައެވެ.
ސަރުކާރުން މިގޮތަށް ބުނި ނަމަވެސް މާލެ އާއި މާލެ ހިމެނޭ ސަރަހައްދު (ގްރޭޓަރ މާލެ)އަށް ހަރަދު ކުރާނެ ފައިސާ ދައުލަތުގައި އެބަހުއްޓެވެ.
ރާއްޖޭގެ އާބާދީގައި މާލެ ފިޔަވައި އެންމެ ގިނަ މީހުން ދިރި އުޅެމުން ދަނީ އައްޑޫގައެވެ. އައްޑޫ ރައްޔިތުން ރަނގަޅު ހޮސްޕިޓަލެއް އެޅުމަށް ސަރުކާރަށް ޕްރެޝަރު ކުރާތާ 16 އަހަރުވެއްޖެއެވެ. އެކަމަކަށް ސަރުކާރުގެ އިހްލާސްތެރި ކަމެއް ނެތެވެ. ދެން އޮތީ އައްޑޫ ފިޔަވައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދާ ހދ. އަތޮޅެވެ. އެއަތޮޅުގެ ރައްޔިތުންވެސް ގޮވަމުން ދަނީ ރަނގަޅު ހޮސްޕިޓަލަކާއި އެކު އާމްދަނީ އިތުރުވާނެ މަގެއް ހޯދައި ދިނުމަށެވެ.
މި އަޑުތަކަށް ސަރުކާރުން އިޖާބަދޭތަން ނުފެނެއެވެ. ދައުލަތުގައި އަތޮޅު ތަކަށް ހޭދަ ކުރާނެ ފައިސާއެއް ނެތް އިރު، ދާދި ފަހުން މާލޭ ހުޅަގު ފަރާތުގައި 200 މިލިއަން ހަރަދުކޮށްގެން، ވަނީ އާޓިފިޝަލް ބީޗެއް ހަދާފައެވެ. 200 މިލިއަން ހަރަދު ކޮށްގެން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ހެދުމުން އޭރު ބަޔަކަށް ހަމަ ނިންޖެއް ނުލިބުނެވެ.
އޭގެ ފަހުން ދައުލަތުން 3.5 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ގައުމުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އެކައުންޓްކަށާއި، ޖީބުތައް މިވަނީ ފުރާލާފައެވެ. އެވާހަކަ އިހަށް ބާއްވާށެވެ.
ކަރަޕްޝަން އިންތިހާއަށް ބޮޑުވެފައި ވަނިކޮށް މިއަދު އިވިގެން މިދިޔައީ ދައުލަތުން 4 ބިލިއަން ރުފިޔާ ހަރަދުކޮށްގެން މާލޭގައި 25 ބުރީގެ 2 އިމާރާތް ހަދާ ވާހަކައެވެ.
އައިޖީއެމްއެޗް ބޮޑުކޮށް ޒަމާނީ ފެންވަރަށް ހެދުމަށް 140 މިލިއަން ޑޮލަރަށް (2.1 ބިލިއަން ރުފިޔާ) ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ޗަން ހުއާ ކުންފުންޏާ އެވެ. ފިނޭންސް މިނިސްޓްރީ ހުރި ބިމުގައި 25 ބުރީގެ އޮފީސް ކޮމްޕްލެކްސްއެއް އެޅުމަށް 123 މިލިއަން ޑޮލަރަށް (1.9 ބިލިއަން ރުފިޔާ) ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ޑަބްލިޔޫ ޒެޑް އާރު ޕްރޮޕަޓީއާ އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލް ތަރައްޤީ ކުރުމަށް 2.1 ބިލިއަން ރުފިޔާ ހަރަދު ކުރާއިރު މި ސަރަހައްދުގައި ނެތް ފެންވަރުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން ވަނީ އިމާރާތް ކުރަން ފަށާފައެވެ. އެ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު އެތަނުން މި ސަރަހައްދުގެ އެހެނިހެން ގައުމުތަކުން ނުލިބޭ ފެންވަރުގެ ހިދްމަތް ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ސަރުކާރުން އަތޮޅުތެރޭގެ ތަރައްޤީ އާއި މެދު ނުވިސްނާކަން މިފަދަ މަޝްރޫއުތަކުން މިދަނީ ފެންނަމުންނެވެ.
އައްޑޫއަށް ބަލާއިރު ރައީސް ނަޝީދުގެ ސަރުކާރުން، ފެއްޓި ސާފު ބޯފެނާއި ނަރުދަމާގެ މަސައްކަތް އަދިވެސް ނުނިމެއެވެ. މި ސަރުކާރު އައި ފަހުންވެސް އެތައް ދުވަހެއް ވަންދެން މަސައްކަތް ނުފެށި އޮތުމަށްފަހު މިހާރު އެމަސައްކަތް އާދައިގެ މިނެއްގައި ކުރިއަށް އެބަދެއެވެ.
މަޝްރޫއަށް ބަލާ އިރު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި އިރު އައްޑޫގެ ރަށްތަކުގައި ފެން ޕްލާންޓް ގާއިމްކޮށް، ހިތަދޫގެ ބޮޑު ބައެއްގައި ފެން ހޮޅި ވަޅުލައި، މަސައްކަތަށް ބޭނުންވާ ގިނަ ސާމާން، ބައި ވޯޓަރ އިން ވަނީ އައްޑޫއަށް ގެނެސްފައެވެ.
މަގު ހެދުމަށް ބޭނުންވާ ސާމާން ވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު އައްޑޫއަށް ވަނީ ޖަމާކޮށްފައެވެ. ތާރު އެޅުމަށް ބޭނުންވާ މެޝިނަރީސް އާއި ބޮޑެތި ވެހިކަލް ތައް ސަދަން ޔޫޓިލިޓީ ކުންފުންޏަށް ވަނީ ހޯދާފައެވެ. ހިލަ އާއި ހިލަވެލި ވަނީ އައްޑޫއަށް ގެނެސްފައެވެ.
މި ސަރުކާރަށް 3 އަހަރުވެގެންދާ އިރު އަދިވެސް މަގު ހަދާކަށް ނުފެށެއެވެ. ނަމަވެސް ބައެއް އިންތިހާބް ތަކާއި ދިމާކޮށް ތަން ތަން ކޮޅުގައި ތާރު އަޅާފައިވެއެވެ.
އައްޑޫ ފަދަ ބޮޑެތި އާބާދީ ތަކުގެ ތަރައްޤީ މަޑު ޖައްސާލުމަށްފަހު، ފެނިގެން މިދަނީ ދައުލަތުގެ ފައިސާ މާލެ އަށް އޮއްސާލާ މަންޒަރެވެ.
މިއީ އިންތިހާބްތަކަށް ކެމްޕެއިން ކުރައްވަން ވަޑައިގަންނަވާ ފަރާތްތަކާއި މެދު އަތޮޅު ތެރޭގެ ރައްޔިތުން ވިސްނަންޖެހޭ ކަންކަމެވެ.