އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ހިތަދޫ ބުރުނީގެ، އަލީ އަބްދުﷲގެ މަރާއި ގުޅިގެން ކުރަން ޖެހޭ ތަހްގީގުތަކަށް އަލީގެ ހަށިގަނޑު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރުވެސް ބާއްވާފައިވާ ކަމަށާއި، ފުލުހުންގެ ހާއްސަ ޓީމެއް މިރޭ އައްޑޫއަށް އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.
އަލީގެ އާއިލާގެ މެމްބަރަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ ހަވީރު 5:30 ގައި މާލެއިން ފުރާ ފުލުހުްގެ ޓީމްގައި ފުލުހުންގެ ހާއްސަ ޑޮކްޓަރަކާއި އިތުރު މީހުން އަންނާތީ އަދިވެސް ހަށިގަނޑު އާއިލާ އާއި ހަވާލު ނުކުރާ ކަމަށެވެ.
"މިރޭ ފުލުހުންގެ ޑޮކްޓަރަކަށް އާދެވެނީ، އެމީހުން އައިސް ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު އާއިލާ އާއި ހަށިގަނޑު ހަވާލު ކުރާނެ ކަމަށް ފުލުހުން ބުނެފައި ވަނީ. އެހެންވެ އަލީގެ ކަށުކަމާއި ކެމީގެ ކަންކަން ކުރިއަށް ނުގެންދިވި މި އޮތީ"
މިއަދު ހެނދުނު 8:40 ހާއިރު ހިތަދޫ ސްކޫލުގެ ފުރަގަހުގައި އޮންނަ ޗަސްބިމެއްގެ ތެރެއަށް އެއްލާލާފައި އޮތްވާ ފެނުނު އަލީ އަބްދުﷲ އަކީ ހިތަދޫ ބޮޑު މަގުގައި ހިންގަމުން އަންނަ ޓޫވޭވް ފިހާރައިގެ ވެރިއާއެވެ.
އޭނާގެ އާއިލާއިން ބުނާ ގޮތުގައި އަލީ މަރާލާފައިވަނީ އޭނާގެ ހަގީގަތް ދަންނަ ބަޔަކު އެވެ.
ހިތަދޫގެ ގިނަ ބަޔަކާއި ގާތްކަން ބާއްވާ އަލީ، ރޭ ވެސް އާދައިގެ މަތިން ވަރަށް ދަންވަންދެން ފިހާރައިގައި ހުރި ކަމަށް އެހިސާބުގެ މީހުން ބުނެއެވެ.
އަލީ ގެއްލިގެން ހޯދަން ފެށީ ހެނދުނު އޭނާގެ ދަރިފުޅު ސްކޫލަށް ގެންދަން ނައުމުންކަމަށް އާއިލާއިން ބުނެއެވެ. އާއްމުކޮށް ހެނދުނު ދަރިފުޅު ސްކޫލަށް ގެންދަން އަންނަ މީހަކު މިއަދު ނައުމުން އޭނާގެ ހަބަރެއްވޭތޯ އާއިލާއިން ގުޅި އިރު ފޯން ރިންގުވެއެވެ. އަދި ފޯނު ނުނގައިގެން ގޮސް ބެލި އިރު ފިހާރައިގެ އެއް ދޮރުފަތް ހުޅުވާފައި، ފިހާރަ ހުރީ ލޫޓުވާފައެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހެނދުނު 8 ޖަހާކަށް ހާއިރުއެވެ. މަރާލާފައި އޮތްވާ ފެނުނީ ހެނދުނު 8:40 ހާއިރުއެވެ.
މި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރެއެވެ.