އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮތްވާ ފެނުނު ހިތަދޫ ބުރުނީގެ އަލީ އަބްދުﷲގެ މަރަށް އެއް ދުވަސްވީ އިރު އަދިވެސް މި ހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރު ނުކުރެވޭތީ އޭނާގެ އާއިލާ އާއި ރަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އެބަދެއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި މިހާ ސީރިއަސް މައްސަލައެއްގެ ތަހްގީގު ކުރިއަށްދާ ގޮތާއި މެދު އެމީހުން ހިތް ހަމައެއް ނުޖެހެއެވެ. އަލީގެ އާއިލާއިން ވެސް ތިބީ އެކަމާއި ހިތް ހަމަ ނުޖެހިއެވެ.
"މި ރަށުން އަނިޔާވެރި ގޮތަކަށް މީހަކު މަރާލިތާ އެއް ދުވަސް މިވީ. މީ ކިހިނެތް ކޮން ބަޔަކު ކޮން ކަމަކާ ހުރެ ކުރި ކަމެއް ކަން އަދި ނުހޯދޭ. އަހަރެމެން މިތިބީ ބޮޑު ބިރުވެރިކަމެއްގައި"
އަލީގެ މަރުގެ މައްސަލަ އާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތައް ހުރި އިރު ފުލުހުންގެ ހާއްސަ ޓީމަކުން މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިއްޔެ ހެނދުނު 8:40 ހާއިރު އަލީގެ ހަށިގަނޑު ފެނިފައިވަނީ ހިތަދޫ ސްކޫލްގެ ފުރަގަހުން އޮންނަ އޮޅެއްގެ ތެރެއިންނެވެ.
އަލީ މަރާލި ރެއަކީ ހިތަދޫގައި އާދަޔާ ހިލާފް ގިނަ ކަންތައްތައް ހިނގާފައިވާ ރެއެކެވެ. ހިތަދޫގެ ދެ ފިހާރައެއް ފަޅާލައި، ދެ ސައިކަލެއް އެރޭ ވަނީ ވަގަށް ނަގާފައެވެ. އެހެންވެ ގިނަ ހާދިސާތަކެއް އެރޭ ހިނގާފައިވާ އިރު، މިކަމަކީ ސީރިއަސް މައްސަލައެކެވެ.
"ގިނަ ބަޔަކު އެރޭ ހިނގި އެހެން ކަންކަމުގެ ވާހަކަތައް ނުދައްކާ، މީހަކު މަރާލުން އެއީތާ ހުރިހާ އެންމެން ދައްކާނެ ވާހަކަ އަކީ. އެކަމަކު އެރޭ އެތައް ބައިވަރު ހާދިސާއެއް ހިނގި. އެއީ ކޮންކަމަކާއި ގުޅިގެން ހިނގި ކަމެއްތޯ އެބައެނގެން ޖެހޭ" ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މާލެ ފިޔަވައި، ފުލުހުންގެ ހިދްމަތް އެންމެ ފުޅާދާއިރާއެއްގައި ދެމުންދާ އައްޑޫގައި ހިނގި މިހާދިސާގެ ތަހްގީގު ކުރިއަށްދާ ގޮތް ރައްޔިތުންނަަށް ސާފުކޮށް އެނގެން ބޭނުންވެއެވެ.
އައްޑޫގެ އެންމެހާ ރައްޔިތުންނާއި، ވަކިން ހާއްސަކޮށް އަލީގެ އާއިލާގެ މެމްބަރުން މި މަރުގެ ހަގީގަތް އެނގެން ބޭނުންވެއެވެ. މިކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު އެމީހުންނަށް ދިނުމަށް އެދެއެވެ.
ބިރުވެރިކަމާއި ނާމާންކަމުގައި ތިބި ރައްޔިތުންގެ މި ސުވާލުތަކަށް އަވަސް ޖަވާބެއް ބޭނުންވެއެވެ.