ރާއްޖޭގެ ފުޓްބޯޅަ ކުރިއަރަން އޮތީ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއަރުވައިގެންކަަމށް އަބަދުވެސް ފުޓްބޯޅައިގެ ތަޖްރިބާ ކާރުން ބުނެއެވެ. އެކަމަށް މީގެ ކުރިން އެފަރާތްތަކުން މަސައްކަތް ކުރީވެސް އެހެންވެއެވެ. އެފްއޭއެމް ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމުގެ ފޮނިކަން ދިވެހި ފުޓްބޯޅަ ޓީމުން ދައްކައިފިއެވެ.
ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ވައިޑީޕީ މިވަނީ ފުރިހަމަ ދައުރެއް އަދާކޮށްފައެވެ. ނަމަވެސް ފަހުން ފަހުން ފެނިގެން ދިޔައީ ވައިޑީޕީ ހަރަކާތްތައް ހުއްޓާލައި، ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މާލެ ބަދަލުވެގެން ދިޔަ ތަނެވެ. އެއާއި އެކު ކުރިން ބާއްވަމުން ދިޔަ އިންޓަސްކޫލް އެކި އުމުރުފުރާތަކުގެ ފުޓްބޯޅަ މުބާރާތް މެދުކެޑިގެންދިޔައެވެ. އަތޮޅުތަކުގެ ފުޓްބޯޅަ ވަޅުޖެހެން ފެށިއެވެ.
ދުވަސްތަކަކަށް އަތޮޅުތަކުގެ ފުޓްބޯޅަ ވަޅުޖެހިފައިވަނިކޮށް އަނެއްކާވެސް އަތޮޅުތަކުގެ ހުނަރުވެރި ކުޅުންތެރިން ފެނިގެން ދިޔައީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީ އިސްވެ އޮވެ ފެށި އަތޮޅު ލީގުންނެވެ.
އަތޮޅު ލީގު ޗެމްޕިއަން ޓީމް ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވޭނެ ގޮތް ހަދައި މުޅި މުބާރާތް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޭއްވިގެން ދިޔައީ ފޯރިއާއިއެކުއެވެ. އަތޮޅުތެރޭގައި އޮތް ފުޓްބޯޅަ ފޯރި ކަނޑު ހުރަސްކޮށް އެއް އަތޮޅު އަނެއް އަތޮޅަށް ދަތުރުކޮށް، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި މިވަނީ ކުޅެފައެވެ.
މިހުރިހާ ހަރަކާތަކާއި އެކު އަތޮޅުތެރޭގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ، އަދި މި ކުޅިވަރު ކުރިއަރުވަން ބޭނުންވި ފަރާތްތަކުން އުއްމީދުކޮށްގެން ތިބީ، ދިވެހި ފުޓްބޯޅައަށް ބަސްބުނާނެ ޖާގައެއް ހޯދުމަށެވެ. މިއަދު ކުއްލި ބައްދަލުވުމެއް ބާއްވައި އަތޮޅުތަކުގެ ޓީމްތަކަށް އޮތް ފުރުސަތު ނަގާލަންދެން، ރާއްޖޭގެ ފުޓްބޯޅައަށް އަތޮޅު ތެރޭގެ ކްލަބް ތަކަށް އޮތީ ބަސް ބުނެވޭ ގޮތަށެވެ.
ގައުމީ ޓީމުގެ ކުރީގެ ފޯވާޑު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤް (ޓޮމް) އާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދު އިސްވެ ތިބެ ރާއްޖޭގެ ނުވަ ޒޯނުން އެފްއޭއެމްގެ ނިންމުންތަކުގައި ވޯޓު ދިނުމުގެ ބާރު ލިބިދީފައިވާ މާއްދާ ބާތިލް ކުރީ މިއަދު ބޭއްވި ކޮންގްރެސްގައި ބައިވެރި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ނިއުރެޑިއަންޓްއިން ހުށަހެޅި މިއިސްލާހާއި އެކު އަތޮޅުތެރޭގެ ނުވަ ޒޯނުން ވެސް އެފްއޭއެމްގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ގެއްލުނީ އެވެ. އެފްއޭއެމްގެ ރައީސަކު ހޮވުމާއި އެފްއޭއެމަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ފުރުސަތު އަތޮޅުތެރެއަށް ގެއްލިގެން ދިޔައީ އެވެ.
1982ގައި އެފްއޭއެފް އުފެދުނީއްސުރެން އެ އެސޯސިއޭޝަނުން ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުސަތެއް އަތޮޅުތަކަށް ލިބިފައެއް ނުވެ އެވެ.
މިގޮތަށް އެތައް އަހަރެއް ފާއިތުވެ ގޮސްފައިވަނިކޮށް ފީފާާގެ ބާރުއެޅުމާއެކު އެފްއޭއެމްގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު އަތޮޅުތަކަށް ލިބިދޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރީ ސެޕްޓެމްބަރު 5، 2015، ގަ އެވެ. އެ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ފާސްކުރި އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގައި ވަނީ އެސޯސިއޭޝަންގެ މެމްބަރުންގެ އަދަދު ހަމަވާނީ ރާއްޖޭގެ ނުވަ ޒޯނެއްގެ ބައިވެރިވުމާއެކުގައި ކަމަށެވެ.
މިއަދު ނިންމި ނިންމުމާއި ގުޅިގެން ނޯމިލައިޒޭޝަން ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކުން ކްލަބްތަކަށް ވޯޓް ލެވޭ ގޮތަށް ހެދުމަކީ ފީފާ އިން ވެސް ބޭނުންވި ގޮތް ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގައި އަތޮޅުތަކުގެ ބޮޑު ހިއްސާއެއް އޮތްއިރު އަތޮޅުތަކުގެ ކްލަބްތަކަށް ވޯޓް ލެވޭނެ ފުޅާ ގޮތެއް ނެތުމަކީ ދެރައެއްް ކަމަށެވެ.
އަދި މިއަދަކީ ދިވެހި ފުޓްބޯޅައަށް އަނދިރި ދުވަހެއް ކަމަށް ޝަވީދު ވަނީ ސިފަކޮށްފައެވެ.
އަތޮޅުތަކުގެ ޓީމްތަކަށް ފުރުސަތު ގެއްލޭ ގޮތަށް އިސްލާހް ހުށަހެޅި އދ، މަހިބަދޫއަށް އުފަން އަހްމަދު ޠާރިގް (ޓޮމް)ގެ ނަން ދިވެހި ފުޓްބޯޅައިގެ ތާރީހްގައި ކަޅު އަކުރުން ލިޔެވިގެންދާނެއެވެ.
މުސްކުޅި ބަހުގައި އޮންނަ ގޮތަށް ޓޮމްއަށް ވެސް މިހާރު ހުރީ "ކުއްޅަވަފަލު ރަނިންގެ" ދަރަޖައިގައެވެ.