ރާއްޖޭގެ ވެރިކަމުގެ ނިޒާމްގައި ބޮޑެތި ކަރަޕްޝަން މައްސަލަތަކެއް ހުރި ކަމަށް ބުނެ އެންމެ ފުރަތަމަ ރައީސް ޔާމީން އާއި ބައްދަލުކޮށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ "ނުހައްޤުން" 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންއެވެ.
މިހާރުގެ ސަރުކާރުގެ ކޯލީޝަންގައި ހިމެނުނު އަދާލަތު ޕާޓީން ސަރުކާރުގައި، ކަރަޕްޝަން އާއްމުވެ، ގައުމު ހަލާކުގެ ތެރެއަށް ދާކަމުގެ އިންޒާރު ރައީސް ޔާމީންއަށް ކެނޑި ނޭޅި ދެއްވަމުން ގެންދެވިއެވެ. އިސްކޮށް ހުންނެވީ ޝެއިހް އިމްރާންއެވެ.
ކުރީގެ ނައިބް ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވަމުން ދިޔަ ވާހަކަ ރައީސް ޔާމީންގެ ސަމާލްކަމަށް ޝެއިހް އިމްރާން ގެންދެވިއެވެ. ކަމަކަށްފަހު ކަމެއް ގޯސްވަމުން، ގޮސް އަދާލަތު ޕާޓީ މިހާރުގެ ސަރުކާރުގެ ކޯލިޝަނުން ވަކިވީ ކަރަޕްޝަން ސަރުކާރުގައި، އަށަގަނެ ދިވެހި ގައުމު އެހެން މިސްރާބަކަށް ދަތުރު ކުރަންފެށުމުންނެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ކަރަޕްޝަންގެ އިނގިލި އަމާޒްވެފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވަމުން އަންނަ ވާހަކަ ރައީސް ޔާމީންއަށް ވިދާޅުވުމުން ރައިސް ޔާމީން ވިދާޅުވީ އަދީބަކީ "ޚާލިދް ބުން ވަލީދް" ކަމަށެވެ.
ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް، އަދީބް ހިންގަވަމުން ގެންދެވި ކަރަޕްޝަން މައްސަލަތައް އޮޑިޓް ރިޕޯޓެެއްގެ ގޮތުގައި ރައްޔިތުންނާއި ހަމައަށް ތިލަ ކުރުމުން ނިޔާޒް އިބްރާހިމް މަޖްލިސް ތެރެއިން ނަގާ ހޫރާލިއެވެ. މި ހުރިހާ ސަކަރާތަކާއި އެކު އަދާލަތު ޕާޓީ ސަރުކާރާއި އެކު މަޑުން ނޯވިގެން އެންމެ ފަހުން ނިކުމެ، ގައުމު ހަމަ މަގަށް އަޅުވަން މަސައްކަތް ފެއްޓެވިއެވެ.
އޭރު ސަރުކާރުން ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރި ހިސާބުން ކުރިން އަދާލަތު ޕާޓީއަށާއި، ޝެއިހް އިމްރާންއަށް އެންމެ ބޮޑަށް ފާޑު ކީ ސިޔާސީ ޕާޓީ އާއި އެކު "ކަރަޕްޝަން ނައްތާލުމަށް" އިމްރާން ނިކުންނެވިއެވެ.
އޭރު މާލޭގައި ކުރިއަށްދިޔަ މުޒާހަރާތަކާއި އެއްވުން ތަކުގައި ޝެއިހް އިމްރާން އަބަދުވެސް ވިދާޅުވަމުން ގެންދެވީ، ދެކޮޅު ވެރިކަމާއި ގަދަ ބާރުން ކަންކަން ކުރުން ދޫކޮށް، މަޝްވަރާގެ މޭޒު ދޮށައް އައުމަށެވެ. އޭރު އެންމެ ބާރުގަދަ ކޮށް ހުންނެވި އަހްމަދު އަދީބް، އާއި ކުރީގެ ޕޮލިސް ކަމިޝްނާ ހުސެއިން ވަހީދު އާއި ރައީސް ޔާމީން މަޝްވަރާގެ މޭޒު ދޮށައް އައުމަށެވެ. އިމްރާން އެތައް ފަހަރަކު ސަރުކާރަށް މަޝްވަރާއަށް އައުމަށް ގޮވާލިއެވެ.
އެ ހުރިހާ ފަހަރެއްގައި ސަރުކާރުން ގެންދެވީ ގަދަ ބަސް ބުނަމުން ގަދަ ދައްކަމުންނެވެ.
މިދިޔަ އަހަރުގެ މޭއި 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ވެސް އިމްރާން ވިދާޅުވީ މަޝްވަރާގެ މޭޒު ދޮށައް ރައީސް ޔާމީންގެ ސަރުކާރު ތިރިކުރާނެ ކަމަށެވެ. އެ މުޒާހަރާއަށް ފަހު ގައުމުގެ ކަންކަން މިވަނީ މުޅިން އެހެން މިސްރާބަކަށް ބަދަލުވެފައެވެ.
މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގާޒީ އަބްދުލް ބާރީ ޔޫސުފްއަށް "ގަބޫލް ކުރެވުނީ" އިމްރާންއަށް 12 އަހަރަށް ޖަލުގައި ހުންނަވަން ޖެހޭނެ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ކްރިމިނަލް ކޯޓުގެ ގާޒީ ބަރީއަށް އިމްރާންގެ އެއްވެސް ކުށެެއް ސާބިތު ނުވެ، ހަމައެކަނި "ގަބޫލް ކުރެވުނު ގަބޫލު ކުރުމަކަށް" ހުކުމް ކުރެއްވީއެވެ.
ޝެއިހް އިމްރާން ޖަލަށް ވަޑައިގަތީ، ޖަލުގައި ނާއިންސާފުން ހުކުމް ތަންފީޒު ކުރެވެމުން ދިޔަ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށް މަޝްވަރާގެ މޭޒު ދޮށައް ސަރުކާރު ގެނެސް ގައުމު ބިނާ ކުރުމަށް މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.
އިމްރާން ޖަލުގެ ތޭރިތަކުގެ ތެރެއަށް ވަޑައިގެންނެވި އިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިވަނީ ބަންދުން ވީއްލި ބޭސް ފަރުވާއަކަށް ގައުމުން ބޭރަށް ވަޑައިގެންފައެވެ.
އިމްރާންގެ ހުކުމާއި އެކު މިއަދު ސަރުކާރަށް އިތުރު ފިއްތުންތައް ބޮޑުވެ، ދެއިރު ދެ ދަޅައައް ކާ ބޭސް ގުޅައެއް ހެން މަޝްވަރާއަށް އައުމަށް އަބަދުމެ ގޮވެނީއެވެ. ސަރުކާރު ނޭވާ ހާސްވެ، ބޭރުގެ ފަރުވާއަށް އެދެންފަށައިފިއެވެ. އަނެއް ކޮޅުން މި ފެންނަނީ އެތެރޭގެ ޕްރެޝަރާއި، ބޭރުގެ ޕްރެޝަރަށް ކެތް ނުކުރެވިގެން ގޮވޭ ނުގޮވޭ އެއްޗެއް ނޭގޭ ހިސާބަށް ރައީސްގެ ބަސްމަގު ގޮސްފައިވާ ތަނެވެ.
ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ މަޝްވަރާގެ ވަގުތު ފާއިތުވެ ގޮސްފައިވާ ކަމަށާއި، އެފުރުސަތު ނަގާލީ މިހާރުގެ ސަރުކާރުން ކަމަށެވެ. އަދި މަޝްވަރާ ފެށުމުގެ ކުރިން ބަންދުގައި ތިބި ހުރިހާ ސިޔާސީ ކުށްވެރިން މިސަރުކާރު ގެ އަތުން މިނިވަން ކުރާތަން ފެނުން ދާދި ގާތުގައިވާ ކަމަށެވެ.