Last Updated: November 24, 05:46
Sunday, November 24, 2024
ރިޕޯޓް

އިބްރަތެއް! ފިލާވަޅެއް! އެންމެ ފަހުން މުހުތާޒުއަށްވެސް ޓެރަރިޒަމް ދައުވާ!

ރައީސް ޔާމީން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

ހައިކޯޓުން ހަފްތާއަކަށް މުހުތާޒް ބަންދު ކޮށްފައިވާ މުހުތާޒްއަށް ފުލުހުން ދީފައިވާ ފޯމްގައި ހިމެނެނީ މިދިޔަ އަހަރު ފާސްކޮށްފައިވާ ޓެރަރިޒަމް މަނާ ކުރުމާއި ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ހ ގެ އެއްވަނަ ނަންބަރާއި، ދެވަނަ ނަންބަރާއި، އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ހ ގެ ދެވަަނަ ނަންބަރާއި، ހަ ވަނަ މާއްދާގެ ހ އެވެ.

ޓެރަރިޒަމް މަނާ ކުރުމާއި ބެހޭ ގާނޫނުގެ ހަތަރުވަނަ މާއްދާގެ ހ ގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމެވެ. އެ މާއްދާގެ ދެވަނަ ނަންބަރުގައި ބުނެފައިވަނީ އާއްމުންނަށް ބިރު ދެއްކުން ނުވަތަ އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމެވެ.

އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ހގެ ދެ ވަނަ ނަންބަރުގައި ބުނެފައިވަނީ ގަދަ ކަމުން މީހަކު ފޮރުވުން ނުވަތަ ގަދަ ކަމުން މީހަކު ރަހީނު ކުރުމަށެވެ.

ހަ ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެއްވެސް ސިފައެއްގައި ބައިވެރިވުމާއި އެހީތެރިވުމަކީ ކުށެއް ކަމަށެވެ.

މުހުތާޒުގެ މައްޗަށް މާފުށީ ކޯޓުގެ ނަމުގައި ކޯޓު އަމުރެއް އުފެއްދި ކަމަށް ބުނެ ތިން ދައުވާއެއް ކުރަން ޕީޖީންވަނީ ކޯޓަށް ފޮނުވާފައެވެ. މުހުތާޒުގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާއާއި، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއާއި، ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާއެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާ އެ ދައުވާ ސާބިތު ވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް މުހުތާޒު ޖަލަށްލާނެއެވެ.

މުހުތާޒުގެ މައްޗަށް މިފަދަ ތުހުމަތެއް ދައުލަތުން އުފުލާފައިވާ އިރު މުހްތާޒް ވަނީ މިދިޔަ އަހަރު މާޗް 13 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލައި ނަޝީދު 13 އަހަރަށް ޖަލަށް ފޮނުވާލާފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ފޮނުވާލުމުގެ ފަހަރުގައި އޭރު ހުންނެވީ ޕީޖީ މުހްތާޒްއެވެ.

މުހުތާޒްގެ މައްޗަށް ޓެރަރިޒމް ދައުވާ އުފުލާއިރު މީ ތަފާތު އެކި މުވައްސަސާތަކުގައި މިހާރު ތިއްބެވި އެތައ ބަޔަކަށް އިބްރަތްތެރި ފިލާވަޅަކަށް ވެގެންދާނެ ކަން ކަށަވަރެވެ. އަދި ފެނިގެންދާ މަންޒަރަކީ ތިމާ ފޭހުނު އިލޮށި ތިމާގެ އަމިއްލަ ލޮލަށް ހެރެމުންދާ ތަނެވެ.