ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ)ގެ މާލީ ބަޔާން ހުށަހަޅައިފިއެވެ.
މިއަދު ރޮޒޭ ހުށަހެޅުއްވި މާލީ ބަޔާން އަކީ 28 މެއި 2014 އިން ފެށިގެން 27 މެއި 2015 އާއި ހަމައަށް ތައްޔާރުކޮށްފައިވާ މާލީ ރިޕޯޓެކެވެ.
މި މުއްދަތުގައި ރޮޒޭއަށް އާމްދަނީގެ ގޮތުގައި .1،722،511 (އެއް މިލިއަން ހަތްލައްކަ ބާވީސް ހާސް ފައްސަތޭކަ އެގާރަ) ރުފިޔާ ލިބިފައިވެއެވެ. މި އާމްދަނީ އަކީ މަޖްލިސްގެ މުސާރަ އާއި ރޮޒޭ ހިއްސާވާ ކުންފުނިން ލިބުނު އާމްދަނީއެވެ.
އެގޮތުން ރޭޒޭގެ މިލްކިއްތާޔުގައި މި މއްދަތުގައި ހަރަދު ނުކޮށް ބާކީ ހުރީ 158،500 (އެއްލައްކަ ފަންސާސް އަށްހާސް ފައްސަތޭކަ) ރުފިޔާ އާއި 2311.34 (ދެހާސް ތިންސަތޭކަ އެގާރަ ޑޮލަރު ތިރީސް ހަތަރު ސެންޓާއި އެކު ޖުމްލަ 194،140.86 (އެއްލައްކަ ނުވަދިހަ ހަތަރު ހާސް އެއްސަތޭކަ ސާޅީސް ރުފިޔާ އަށްޑިހަ ހަލާރިއެވެ.
ވިޔަފާރި ހިއްސާގެ ގޮތުގައި ޑޮނާލްޑް އިންވެސްޓް ޕްރައިވެޓް ލިމިޓެޑްގެ 35 ހިއްސާ އާއި އެމްޓީސީސީގެ 5 ހިއްސާ ވާކަމަށް ރޮޒޭގެ ބަޔާނުގައި ވެއެވެ.
އަދާ ކުރާ ވަޒީފާގެ ގޮތުގައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީގެ މެމްބަރު ކަމާއި، ޑޮނާލްޑް އިންވެސްޓްމަންޓްގެ ޑިރެކްޓަރ ކަމާއި، އެމްޑީޕީގެ ޕާލިމެންޓްރީގެ ނައިބްކަމުގެ މަގާމު ހިމެނެއެވެ.
ރޮޒޭ ހިމެނެނުނީ އައްޑޫ ތަމްސީލް ކުރައްވާ މަޖިލިސް 7 މެމްބަރުންގެ ތެރެއިން މާލީ ރިޕޯޓް އާއްމު ކުރެއްވި ފުރަތަމަ މެމްބަރަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރަން ގޮވާލައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ހިންގަމުންދާ ކެމްޕޭނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ވަފްދުން ވަނީ މަރުހަބާ ކިޔައިފައެވެ. "މާލީ ބަޔާން ހާމަކުރޭ"ގެ ނަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ހިންގަމުންދާ ކެމްޕޭނުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފޮޓޯ އާއި ފޯނު ނަމްބަރު ދަނީ އާއްމުކުރަމުންނެވެ. އަދި މާލީ ބަޔާން ހާމަ ކުރުމަށް މެމްބަރުންނަށް ގުޅުމަށް ޓްރާންސްޕޭރަންސީ އިން ދަނީ ރައްޔިތުންނަށް ގޮވާލަމުންނެވެ.