ހިތަދޫގައި މި މަހުގެ 2 ވަނަ ދުވަހު ހިނގި މަރުގެ ޙާދިސާގެ ތަޙުޤީޤުގައި ބޮޑެތި ކުރިއެރުންތަކެއް ފުލުހުންނަށް ލިބެމުންދާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒް ވިދާޅުވީ ހިތަދޫ، ބުރުނީގެ، ޢަލީ ޢަބްދުﷲ (47އ) ގެ މަރުގެ ޙާދިސާގައި މިހާތަނަށް 2 މީހުން ހައްޔަރުކޮށް އެ 2 މީހުން ދިރިއުޅޭ ތަންތަނައި އެ 2 މީހުންނަށް ނިސްބަތްވާ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އިއްޔެ ހަވީރުން ފެށިގެން ހިތަދޫގައި ފުލުހުން ކުރަމުންދާ މަސައްކަތުގައި ބައެއް ގޭގެއާއި ބައެއް ސަރަޙައްދުތައްވެސް ވަނީ ބަލައި ފާސްކޮށްފައެވެ.
އެގޮތުން މިރޭގެ ވަގުތެއްގައި ހިތަދޫ ގެއެއް ބަލައި ފާސްކޮށް އެގޭތެރޭގައި ވަޅުލާފައިވާ ގިނަ ޢަދަދެއްގެ ފައިސާ ފުލުހުން ވަނީ ހޯދާފައެވެ. މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މިއީ ޢަލީ ޢަބްދުﷲ (47އ) މަރާލުމަށްފަހު، ޢަލީ ޢަބްދުﷲ (47އ) ގެ ފިހާރައިން ވަގަށް ނަގައިގެން ގެނެސް ވަޅުލާފައިވާ ފައިސާއެވެ.
ފައިސާ ހޯދުމަށް ފުލުހުން އެގޭތެރެ ކޮނެ، ވަޅުލާފައިވާ ފައިސާ ނެގި މަންޒަރު ފެނި އެގޭގައި ހުރި އަންހެނަކަށް ޞިއްޙީ ގޮތުން ކުރިމަތިވި ޙާދިސާއަށް ފަރުވާ ދިނުމަށް ފުލުހުން ވަނީ އެ އަންހެންމީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މުޙައްމަދު ރިޔާޒް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ހުއްޓިނެތި ކުރިޔަށް ގެންދާނެ ކަމަށެވެ.
ޢަލީ ޢަބްދުﷲ (47އ) ގެ މަރުގެ ޙާދިސާ ތަޙުޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްޞަ ތަޙުޤީޤު ޓިމެއް އައްޑޫގައި ދަނީ ޙަރަކާތްތެރި ވަމުންނެވެ