އެމްއެމްޕީއާރްސީގެ ކަރަޕްޝަންގެ މައްސަލާގައި މިއަދު މަޖްލީހުގައި ބަހުސް ކުރަމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ރިޝްވަތު ފައިސާ ބަހަން "ގޯނި ހިފައިގެން" ދިޔަކަށް ވިދާޅުވި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީން މިރޭ ބުނީ އެމްއެމްޕީއާރްސީގެ ކަރަޕްޝަންގެ މައްސަލަ އެ އިދާރާއިން ތަހްގީގު ކުރަމުން ދަނިކޮށް މަޖްލިސް މެމްބަރަކު، އަމިއްލަފުޅަށް އިއްތިރާފް ވުމާއި ގުޅިގެން މައްސަލަ ތަހްގީގު ކުރަން ފަށާފައިވާ ކަމަށެވެ.
މިއަދުގެ ބަހުސްގައި މަޖްލިސް ހޫނުވެ، އެއްބަޔަކު އަނެއް ބަޔަކަށް "ވަގަށް" ގޮވައި، އެވާހަކަ ދައްކަން މާ ރީތި ނޫންކަމަށް މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
މުހައްމަދު ވިދާޅުވީ ރިޝްވަތުގެ ފައިސާ އެމްޑީޕީ މެމްބަރުންގެ އަތަށްވެސް އަރާފައިވާ ކަމަށެވެ. "އެ ފައިސާ ގޯނި" ހިފައިގެން މެމްބަރުންގެ އަރިހަށް ވަޑައިގަތީ އޭނާ ކަމަށް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.
މުހައްމަދު މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން އއ. ތޮއްޑޫގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ މަޖްލިސް މެމްބަރުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެފައިސާ އަކީ އެމްއެމްޕީއާރްސީން ގެއްލުނު ފައިސާކަން މެމްބަރުންނަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރަޕްޝަން މައްސަލަ އާއި ގުޅިގެން މަޖްލިސް މެމްބަރުންނަށް ރިޝްބަތުގެ ފައިސާ ބެހިކަމަށް ވިދާޅުވި މައްސަލަ ތަހްގީގު ކުރެވެންޖެހޭނެ ކަމަށް ގާނޫނީ ބޭފުޅުން ދަނީ ބުނަމުންނެވެ.
ރައީސް ޔާމީން އާއި ހޯރަފުށީ މެމްބަރު، މަޖްލިސް މެމްބަރުންނަށް ފައިސާ ލިބުނުކަމަށް ވިދާޅުވެފައިވާ އިރު ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ މަޖްލިސްގެ ތިން މެމްބަރުން ފިޔަވައި ދެން ތިއްބެވި ހުރިހާ މެމްބަރުން ނައިބް ރައީސް ޖަމީލް ބޭރު ކުރެއްވުމަށް ރިޝްވަތުގެ ފައިސާ ހޯދާފައިވާ ކަމަށެވެ.