ހިތްދަތި ސީޒަނެއް ތަޙައްމަލު ކުރަމުން އަންނަ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ޗެމްޕިއަން ޗެލްސީ ޗެމްޕިއަންސް ލީގާއި އަލްވާދާއު ކިޔައިފިއެވެ.
ފްރާންސް ލީގު ޗެމްޕިއަން ޕެރިސް-ސެއިންޓް-ޖާރމަން އާ ދެކޮޅަށް ކުޅުނު ދެ ލެގުގައި ވެސް އެއް ނަތީޖާ އަކުން ބަލިވެގެން ކަޓާފައިވާއިރު ލީގު ޓޭބަލުގެ ޓޮޕް 4 އިން ޖާގައެއް ލިބެން ނެތުމުގެ ސަބަބުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓުބޯޅައަށް ވެސް ޗެލްސީ ވަނީ އަލްވަދާއު ކިޔާފައެވެ.
ލަންޑަނުގެ ސްޓެމްފޮޑް ބްރިޖް ގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ޕީއެސްޖީ އިންނެވެ. 15 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގާދީފައިވަނީ އެޑްރިއެން އެވެ. ނަމަވެސް 26 ވަނަ މިނެޓުގައި ޑިއޭގޯ ކޯސްޓާ ވަނީ ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މޮޅަށް ކުޅުނު ނަމަވެސް ޕީއެސްޖީ އަށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގުނީ 67 ވަނަ މިނެޓުގައި ޒަލްޓަން އިބްރަހިމޮވިޗް ގެ ގޯލަކުންނެވެ.
އެގްރިގޭޓުން ނަތީޖާ ނިމިފައިވަނީ 2-4 އިން ޕީއެސްޖީ މޮޅުވެގެންނެވެ.
މެޗު ނިމުނުއިރު ޗެލްސީގެ ޑިއެގޯ ކޯސްޓާ އަދި އެޑެން ހެޒާޑް އަށް ވަނީ އަނިޔާވެފައެވެ. ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޗެލްސީ އިން ކަށަވަރު ކޮށްދީފައި ނުވެއެވެ.
ރޭގައި ކުޅުނު ދެވަނަ މެޗަށް ބަލާއިރު ޒެނިޓް ބަލިކޮށް ބެންފީކާވެސް ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ގޮސްފައެވެ.