ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގެ ނަމަށް ހުތުރު ލިބޭ ފަދަ ކޮމެންޓުތައް ސޯޝަލް މީޑިއާގައި ކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެކަމަށް ހޮސްޕިޓަލުން އަންގައިފިއެވެ.
ހޮސްޕިޓަލުގެ ޑައިރެކްޓަރު ޝާހް ސައީދު ސޮއިކޮށް އިއްޔެ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވަނީ ހޮސްޕިޓަލުގެ ނަމާއި ރައްޔިތުންނަށް ދޭ ޚިދުމަތްތަކާ ބެހޭގޮތުން ދޮގު ވާހަކަތައް ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ފެންނަމުންދާކަމަށެވެ.
އަދި ހޮސްޕިޓަލާއި ބެހޭ ގޮތުން އާއްމު ރައްޔިތުން ދައްކާ ވާހަކަތަކަށް ހޮސްޕިޓަލުގެ މުވައްޒަފުން ކޮމެންޓުކޮށް ފޮޓޯ ލައި ހަދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް މެމޯގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި ސިއްރު ގްރޫޕް ތައް ހަދައި މުވައްޒަފުން ހޮސްޕިޓަލުގެ އިސް ވެރިންނަށް މަލާމާތް ކޮށް ޖޯކު ޖަހާކަން ފާހަގަ ކޮށް މިފަދަ ކަންކަން ކުރާ މުވައްޒަފުންނާ މެދު ސިވިލް ސާވިސް ގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަން އަންގައި މެމޯގައި ވަނީ އިންޒާރުދީފައިވެއެވެ.
އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރުކާރުގެ އިދާރާ ތަކަށް ރައްޔިތުންގެ އިތުބާރު ގެއްލި، ތަނުގެ މަސްލަހަތު ގެއްލޭ ކަމަކަށް ވެފައި މިފަދަ ކަންތައްތަކަކީ ސިވިލް ސާވިސް ގެ ގަވާއިދުގެ ކޯޑް އޮފް ކޮންޑަކްޓް އާ ޚިލާފަށް ހިނގަމުން ދާ ކަންތަކަށް ވާއިރު މިފަދަ އަމަލުތައް ކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ވާހަކަ ވަރަށް ސަރީހަ ކޮށް އަންގާފައިވެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިފަދަ މެމޯއެއް ނެރެފައިވަނީ ދާދި ފަހުން ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރު ފިލައިގެން ދިޔަ ވާހަކަ މީޑިއާތަކަށް އަރާފައި ވަނިކޮށެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރައިގެން ދިޔަ ކަށީގެ ޑޮކްޓަރު އަނިލް ޗޯދަރީ ގަވައިދާ ހިލާފަށް ރާއްޖެއިން ފުރާފައިވަނީ ހޮސްޕިޓަލްގެ ޑައިރެކްޓަރ ޝާހް އާއި ވާހަކަ ދެއްކުމަށްފަހުއެވެ. އަދި ޑޮކްޓަރު ފުރިކަން ޝާހް ހޮސްޕިޓަލްގެ އެހެން ވެރިންނަށް ސިއްރުކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކަންކަން މީޑިއާ ތަކަށް ސިއްރު ކުރުމަށް ޝާހް މަސައްކަތް ކުރައްވާ ކަމަށް ތަނުގެ ބައެއް މުވައްޒަފުން ތުހުމަތު ކުރެއެވެ.