ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ލިބިވަޑައިގެންނެވި ފައިސާ ހިފައިގެން މަޖިލީހުގެ މެމްބަރުންގެ ކައިރިއަށްް ދިޔުމުން އެ ފައިސާގައި ހިފި މެމްބަރުންގެ ނަން ކިޔަން ޖެހުމުން ނަން ވެސް ކިޔާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.
މެންބަރު މުހައްމަދު ވިދާޅުވީ މިއީ އޭނާ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރާ ޖިހާދެއް ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ.
ރޭ ދިޓީވީ ގެ 'ޚަބަރު ތެރެއިން' ޕްރޮގްރާމުގައި މެންބަރު މުހައްމަދު ވަރަށް ޖަޒުބާތާއެކު މިވާހަކަ ދައްކާފައިވާ އިރު އިއްޔެ މަޖިލިސް ފްލޯގައިވެސް ހަމަ އެހާމެ ޖަޒުބާތާއެކު މިވާހަކަ އޭނާ ވަނީ ދައްކަވާފައެވެ.
ފައިސާ ބެހި ކަމަށާއި ފައިސާ ހިފައިގެން ދިޔައީ ޚުދު އަޅުގަނޑޭ ވިދާޅުވެ ވާހަކަ ދެއްކެވި ނަމަވެސް އަމިއްލައަށް ކުށެއް ކުރެއްވިފައިވާ ކަން ޤަބޫލުކުރައްވާ ކަމެއް މެންބަރު މުހައްމަދު ވިދާޅޫވެފައެއް ނުވެއެވެ.
"އަދީބު އަޅުގަނޑަށް ފައިސާ ދެއްވީމަ އަޅުގަނޑު އެފައިސާ ހިފައިގެން މެންބަރުންގެ އަރިހަށް ދިޔައީ ރައްޓެއްސަކަށް ވީތީ. އެއީ ކޮންގޮތަކަށް އެމަނިކުފާނު ހޯއްދެވި ފައިސާ އެއް ކަމަށް އަޅުގަނޑަކަށް އެނގިފައި ނުވޭ." މެންބަރު މުހައްމަދު ވިދާޅުވިއެވެ.
މެންބަރު މުހައްމަދު ވިދާޅުވި ގޮތުގައި އޭރު ނައިބު ރައީސް އާއި ދެމެދު އޮތް ގާތް ކަމެއްގެ ތެރެއިން މިވެނި މީހަކަށް ގެންގޮސް ލާރި ދޭށޭ ބުނުމުން، އެއީ ނައިބް ރައީސް އޭނަ އަށް ދޭ ލޯނެއް ކަމެއް ނޫން ނަމަ އެއީ ނައިބް ރައީސް އަތުން އޭނާ ނަގައިފައި ހުރި ފައިސާ އަނބުރާ ދެނީ ނޫން ކަމެއް ވެސް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
ސަރުކާރުގެ އިސްވެރިން ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރެވިފައިވާ އިރު އެ ޙިޔާނާތުގަައި މަޖިލީހުގެ މެންބަރުން ބައިވެރިވެފައިވާ ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.