ރުޅިގަދަ ކަމާއި އަޚުލާގީ ފެންވަރު ދަށް ކަމަށް މަޝްހޫރު ޗެލްސީގެ ފޯވާޑް ޑިއެގޯ ކޯސްޓާ އެވަޓަންގެ ކުޅުންތެރިއެއްގެ ގައިގައި ދަތް އަޅައިފިއެވެ. ރޭގައި ކުޅެވުނު އިނގިރޭސި އެފް އޭ ކަޕުގެ ކުއާޓާ ފައިނަލުގައި ޗެލްސީ އަދި އެވަޓަން ބައްދަލު ކުރިމެޗުގައި ކޯސްޓާ ދަތް އަޅާފައިވަނީ އެވަޓަންގެ މިޑްފީލްޑަރ ގެރެތް ބެރީގެ ކަރުގައެވެ.
މެޗުން ބަލިވާން ކައިރި ވެފައިވަނިކޮށް ދެޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކޯސްޓާ ވަނީ ބެރީގެ ކަރުގައި ހިފައި، ކޮށްޕައި އެންމެ ފަހުން އޭނާގެ ކަރުގައި ދަތްވެސް އަޅާފައެވެ.
ކޯސްޓާގެ މިއަމަލުގެ ސަބަބުން ރެފްރީވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިހާދިސާ އާ ގުޅިގެން ބެރީ އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. ތިން މިނެޓު ފަހުން ދެވަނަ ރީނދޫ ކާޑާ އެކު ބެރީ އަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ރޭގެ މެޗާ ގުޅިގެން ޗެލްސީގެ ސްޕޯކްސްޕާސަން ބުނެފައިވަނީ ކޯސްޓާ އެއްވެސް ކުޅުންތެރިއެއްގެ ގައިގައި ދަތް އަޅާފައި ނުވާނެކަމަށެވެ. މިހާދިސާ އާ ގުޅިގެން އިނގިރޭސި އެފް އޭ އިން އަދި ބަހެއް ބުނެފައި ނުވެއެވެ.
މިމެޗު އެވަޓަން އިން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާއިރު ދެގޯލު ވެސް ފެނިގެން ގޮސްފައިވަނީ ކުރިން ޗެލްސީ އަށް ވެސް ކުޅެދީފައިވާ ރޮމެލޫ ލުކާކޫ އެވެ.