މޯލްޑިވްސް މާރކެޓިންގ އެންޑް ޕީ އާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ 99 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުނު ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ފައިސާގެ މައްސަލަތަކާއި ގުޅުންހުރި އެކައުންޓް ތަކުގެ ތެރެއިން ރާއްޖޭގައި ހުރި އެކައުންޓްތަކުގެ ތެރެއިން ތުހުމަތު ކުރެވޭ އެކައުންޓްތައް ފްރީޒް ކުރުމަށް މަސައްކަތްކޮށް ބައެއް އެކައުންޓްތައް މިހާރު ފްރީޒް ކުރެވިފައިވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އޭސީސީގެ ރައީސް ޙަސަން ލުތުފީ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީނު އާއި މިހާތަނަށް ސުވާލުކޮށްފައި ނުވާކަމަށެވެ.
ފަޅުތަކާއި ފަޅުރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތް ވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައިވާއިރު ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމުގެ ތުހުމަތު ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.
އަދި އެ ތުހުމަތުތަކާއި ގުޅިގެން އިސްލާމިކް ބޭންކްގައި ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ތަފްސީލް އޭސީސީއިން ވަނީ ހޯދާފައެވެ.