ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ އިސްތިޢުނާފް މައްސަލައިގެ ޙުކުމް އަންނަ އަންގާރަ ދުވަހު އިއްވުމަށް ހައިކޯޓުން ތައްޔާރުވަމުންދާއިރު ނާޒިމްގެ މައްސަލާގައި ހެކިބަސް ދީފައިވާ ބައެއް ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް ހުރިކަމާއި ދޮގު ހެކި ބަސް ދީފައިވާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. ނާޒިމްގެ ވަކީލް ޙުސްނުއްސުޢޫދުވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.
ތިރީގައި މި ބަލާލަނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި އެ ރިޕޯޓާއެކުގައި ވާ ތަޙްޤީޤު ބަޔާންތަކާއި އަދި ހައިކޯޓުގައި ދީފައިވާ ހެކިބަސްތަކަށް ބަލައި އަދި ޝަރީޢަތްތައް ކަވަރުކުރި 3 ނޫސްވެރިއަކު ދީފައިވާ މައުލޫމާތުތަކަށް ބަލައި އޮސްޓްރޭލިއާގައި ޤާނޫނީ ރޮނގުން މަތީ ތަޢުލީމު ޙާސިލްކުރަމުންދާ އައްޑޫލައިވްގެ ނޫސްވެރިޔާ ޙުސައިން ޒަހީން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ގ.އެނިފްގައި ހަތިޔާރު ހުރިކަމުގެ މަޢުލޫމާތު ލިބުނު ކަމަށް ބުނާ ވަގުތުގެ ތަފާތުތައް:
ތަޙްޤީޤުކުރި ފަރާތް އަޒްމަތު ޢަބްދުﷲ:
ނާޒިމްގެ ފަރާތުން ގ.އެނިފް ބަލާ ފާސްކުރުމުގެ އަމުރު ހައިކޯޓުގައި އިސްތިޢުނާފްކުރުމުން ތަޙްޤީޤުކުރި ފަރާތް އަޒްމަތު ޢަބްދުﷲ ހައިކޯޓުގެ ނަމްބަރ 2015/HC-A/72 ޤަޟިއްޔާގެ ޝަރީޢަތުގައި ބުނެފައިވަނީ މަޢުލޫމާތު ލިބުނީ17 ޖެނުއަރީގެ ރޭގަނޑު 12:00 ނުވަތަ 12:30 ހާއިރު ކަމަށް ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކި -1: ނާޒިމްގެ އެޕާޓްމަންޓު ބަލާ ފާސްކުރުމުގެ އަމުރަށް އެދުނީ އެރޭގެ 11:30 އާ 12:00 އާ ދެމެދުކަމަށް މީނާ ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކި -2 :އޮޕަރޭޝަނެއް އޮތްކަން އެންގީ އެރޭ 22:00 ގައިކަމަށް މީނާ ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކި -3 : އޮޕަރޭޝަނެއް އޮތްކަން އެންގީ އެރޭ 22:45 ގައި ކަމަށް މީނާ ބުނެފައިވެއެވެ.
ތަޙްޤީޤުކުރި ފަރާތް، ޢަބްދުﷲ ޝަތީޙު: މީނާ ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ ސިއްރު މަޢުލޫމާތު ލިބުނީ އެރޭގެ (17 ޖެނުއަރީ 2015) ލަސް ވަގުތެއްގައިކަމަށް. ބާރައިގެ ކުރިންކަމެއް ފަހުންކަމެއް ޔަޤީނެއް ނުވކަމަށެވެ.
މުޙައްމަދު އަރީފް، ސީން އޮފް ކްރައިމް އޮފިސަރ: މީނާ ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ ގ.އެނިފް ބަލާ ފާސްކުރުމަށް ދާންޖެހޭކަން އެނގުނީ 18 ޖެނުއަރީ 2015 ގެ މެންދަމު 3:40 ގައިކަމަށެވެ.
ސްވޮޓް ޓީމް އޮޕަރޭޝަނަށް ތައްޔާރުކުރީ ސިއްރު މަޢުލޫމާތު ލިބުމުގެ ކުރިން؟ ފްރޭމްކުރުން ސާބިތުވޭ؟
ނާޒިމްގެ އަނބިކަނބަލުން ދިރިއުޅުއްވަމުންދިޔަ ގ.އެނިފްގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅޭކަމުގެ ސިއްރު މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 17 ޖެނުއަރީ 2015 ގެ ރޭގަނޑު 12:00 އާ 12:30 އާ ދެމެދުކަމަށް ސްޓޭޝަން އިންސްޕެކްޓަރ އަޙުމަދު އަޒުމަތު ޢަބްދުﷲ ހެކިބަސް ދެއްވާފައިވެއެވެ.
އަޒުމަތު އަކީ އެ އަމުރު ބަލާ ދިޔަ ފުލުސް އޮފިސަރެވެ. އޭނާގެ ހެކިބަހުން އެރޭ އެ މަޢުލޫމާތު ލިބުނުކަމަށް ބެލެވޭ އެންމެ އަވަސް ގަޑިއަކީވެސް އެރޭ 12:00 ކަމަށް ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ބުނެފައިވަނީ ގ. އެނިފް ބަލާ ފާސްކުރުމުގެ 4 ދުވަސްކުރިން އޭރުގެ އެިސިސްޓެންޓް ކޮމިޝަނަރު ޙަސަން ޙަބީބު ގުޅުއްވާފަ ވަރަށް ބޮޑު އޮޕަރޭޝަނަކަށް ތަޙްޤީޤަށް ބޭނުންވާ ތަނެއް ސާރޗްކުރުމަށް ސްވޮޓް ޓީމެއް ބޭނުންވާކަމަށް ބުނިކަމަށާއި އެދުވަހުން ފެށިގެން ސްވޮޓް ޓީމް އޮތީ ތައްޔާރީ ޙާލަތުގައިކަމަށް ބުނެފައިވެއެވެ.
އަދި 18 ޖެނުއަރީ 2015 ގެ ރޭގަނޑު 10 ޖަހާކަށްހާއިރު ޙަސަން ޙަބީބު ގުޅައި ސްވޮޓް ޓީމް މިހާރު ތައްޔާރުކޮށްދިނުމަށް އެދުނުކަމަށް ބުނެފައިވެއެވެ.
ސްވޮޓް ފުލުހުންގެ ތަޙްޤީޤީ ބަޔާންތަކުން އޮޕަރޭޝަނާ ބެހޭގޮތުން އެނގޭ ވަގުތުތައް:
1- ސާއިފް ޙުސައިން (ސްވޮޓް ކޮމާންޑަރު) ބުނީ: "17 ޖެނުއަރީ 2015 ގެ 16:00 ގައި އޮޕަރޭޝަނަކަށް ޓީމް ތައްޔާރުކުރަން އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 22:00 ގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދު ކަމަށް"
2- ސްވޮޓް ޕޮލިސް (ބަޔާން ނަމްބަރު 43 ): " 17 ޖެނުއަރީ 2015 ގެ 15:30 ގައި އޮޕަރޭޝަނަކަށް ތައްޔާރުވެ އިސްކަންދަރުކޮށި 2 އަށް އައުމަށް ސައިފް އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 23:00 ގައި ސާއިފް"
3- ސްވޮޓް ޕޮލިސް (ބަޔާން ނަމްބަރު 42 ): " 17 ޖެނުއަރީ 2015 ގެ 15:00 ގައި އޮޕަރޭޝަނަކަށް ތައްޔާރުވެ އިސްކަންދަރުކޮށި 2 އަށް އައުމަށް ސައިފް އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 23:30 ގައި ސާއިފް"
4- ސްވޮޓް ޕޮލިސް (ބަޔާން ނަމްބަރު 41 ) : " 17 ޖެނުއަރީ 2015 ގެ 16:00 ގައި އޮޕަރޭޝަނަކަށް ތައްޔާރުވެ އިސްކަންދަރުކޮށި 2 އަށް އައުމަށް ސައިފް އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 23:30 ގައި ސާއިފް "
5- ސްވޮޓް ޕޮލިސް (ބަޔާން ނަމްބަރު 40 ) : " 17 ޖެނުއަރީ 2015 ގެ 15:00 ގައި އޮޕަރޭޝަނަކަށް ތައްޔާރުވެ އިސްކަންދަރުކޮށި 2 އަށް އައުމަށް ސައިފް އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 23:30 ގައި ސައިފް"
6- ސްވޮޓް ޕޮލިސް (ބަޔާން ނަމްބަރު 39 ) : " 17 ޖެނުއަރީ 2015 ގެ 15:00 ގައި އޮޕަރޭޝަނަކަށް ތައްޔާރުވެ އިސްކަންދަރުކޮށި 2 އަށް އައުމަށް ސައިފް އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 23:30 ގައި ސައިފް "
7- ސްވޮޓް ޕޮލިސް (ބަޔާން ނަމްބަރު 38 ): " 17 ޖެނުއަރީ 2015 ގެ 15:00 ގައި އޮޕަރޭޝަނަކަށް ތައްޔާރުވެ އިސްކަންދަރުކޮށި 2 އަށް އައުމަށް ސައިފް އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 23:30 ގައި ސައިފް"
8- ސްވޮޓް ޕޮލިސް (ބަޔާން ނަމްބަރު 37 ) : "17 ޖެނުއަރީ 2015 ގެ 15:00 ގައި އޮޕަރޭޝަނަކަށް ތައްޔާރުވެ އިސްކަންދަރުކޮށި 2 އަށް އައުމަށް ސައިފް އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 23:30 ގައި ސައިފް "
9- ސްވޮޓް ޕޮލިސް (ބަޔާން ނަމްބަރު 36) : "17 ޖެނުއަރީ 2015 ގެ މެންދުރުފަހު އޮޕަރޭޝަނަކަށް ތައްޔާރުވެ އިސްކަންދަރުކޮށި 2 އަށް އައުމަށް ސައިފް އެންގި. އޮޕަރޭޝަންގެ މަޢުލޫމާތު ދިނީ 17 ޖެނުއަރީގެ 23:30 ގައި ސައިފް"
ސްވޮޓް ކޮމާންޑަރު ޝާއިފް އާއި އެހެން ސްވޮޓް ފުލުހުންގެ ތަޙްޤީގު ބަޔާންތަކުން އެނގޭގޮތުގައި އޮޕަރޭޝަނަށް 17 ޖެނުއަރީ 2015 ގެ އިރުއޮއްސުމުގެ ކުރިން ތައްޔާރުކޮށްފައިވާކަން އެނގެއެވެ.
އަދި އެ އޮޕަރޭޝަންގެ މަޢުލޫމާތު 23:30 ގައި ދީފައިވާކަން އެނގެއެވެ. ޚާއްސަކޮށް ސްވޮޓް ކޮމާންޑަރު ސާއިފް ދީފައިވާ ތަހްޤީޤު ބަޔާނުގައި އޮޕަރޭޝަންގެ މަޢުލޫމާތު 22:00 ހާއިރު ކޮމިޝަނަރ އޮފް ޕޮލިސް ދީފައިވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓގައި ހަތިޔާޜު ހުރިކަމަށް ފުލުހުންނަށް ލިބުނުކަމަށް ބުނާ 'ސިއްރު މަޢުލޫމާތު' ލިބުމުގެ ކުރިން ސްވޮޓް ޓީމް ތައްޔާރުކުރީ ކީއްވެގެންތޯއެވެ؟ އެހެންކަމުން ނާޒިމްގެ އެޕާޓްމަންޓް ބަލާ ފާސްކުރުމަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ މަޢުލޫމާތަކީ ދޮގު މަޢުލޫމާތުކަން ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ.
ނާޒިމް ދިރިއުޅުއްވަމުންދިޔަ ގ.އެނިފް ގެއަށް ދިޔުމުގެ ކުރިން ބަލާފާސްކުރަންޖެހޭ ފަންގިފިލާ އަދި އެޕާޓްމަންޓް ނޭނގޭކަމަށް ބައެއް ސްވޮޓް ފުލުހުން ހައިކޯޓުގައި ހެކިބަސް ދީފައިވާއިރު ތަޙްޤީޤު ބަޔާންތަކުގައި ސްވޮޓް ޓީމްގެ 10 ފުލުހަކު ބުނެފައިވާގޮތުން ބަލާފާސްކުރަންޖެހެނީ 8 ވަނަ ފަންގިފިލާކަން އެރޭ 23:30 ގައި ބޭއްވި ބްރީފިންގްގައި ސްވޮޓް ކޮމާންޑަރު ވަނީ އަންގާފައެވެ. އެހެންކަމުން ހައިކޯޓުގައި ސްވޮޓް ޓީމް ދޮގު ހެކިބަސް ދީފައިވާކަން އޮޅުމެއްނެތި އެނގެއެވެ.
ކޮޓަރިއަށް ނުވަންނަކަމަށް ބައެއް ފުލުހުން ބުނާ ބުނުން
މިދިޔަ ހަފްތާގައި 'ވަގުތު އޮންލައިން' ގެ ނަމުގައި ލީކް ކޮށްލާފައިވާ ސްވޮޓް ފުލުހެއްގެ ތަޙްޤީޤު ބަޔާނުން އެނގޭގޮތުގައި ނާޒިމްގެ އެޕާޓްމަންޓަށް ވަތް ފުލުހުން ނާޒިމްގެ ކޮޓަރިއަށް ވަދެފައިވެއެވެ. އެހެން އެއްވެސް ސްވޮޓް ފުލުހެއްގެ ތަޙްޤީޤު ބަޔާނުން އެކޮޓަރިއަށް ނުވަންނަކަމަށް ބުނެފައިނުވާކަންވެސް ފާހަގަވެއެވެ. ސްވޮޓް ފުލުހުން ނާޒިމްގެ ކޮޓަރިއަށް ނުވަންނަކަމަށް ހައިކޯޓުގައި ހެކިބަސް ދިންއިރު އެމީހުން އެކޮޓަރިއަށް ނުވަދެ އެކޮޓަރީގައި ތިބި ބަޔަކު ބޭރަށް ނެރުނީ ކޮންގޮތަކަށްކަން އެނގެންޖެހެއެވެ. އެހެންކަމުން ފުލުހުން ކޯޓަށް އޮޅުވާލައި ދޮގުހަދާފައިވާކަން އެނގެއެވެ.
ހައިކޯޓުން ޙުކުމް ދަމަހައްޓާނެތަ؟
މީގެ ކުރިންވެސް ދަށު ކޯޓުގައި ފުލުހުން ދޮގު ހަދާފައިވާކަން ފަޅާއަރާފައިވާއިރު ހައިކޯޓުގައި ސްވޮޓް ފުލުހުން ހެދި ދޮގުތަކާއެކުވެސް ނާޒިމްގެ މައްޗަށް ކުރި ޙުކުމް ހައިކޯޓުން ދަމަހައްޓަފާނެތޯ އެއީ އުފެދޭ ސުވާލެކެވެ. ޖިނާއީ މައްސަލައެއްގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާންޖެހޭއިރު ނާޒިމްގެ މައްޗަށް ޕްރޮސިކިއުޓާރ ޖެނެރަލް ކުރެއްވި ދަޢުވާގައި ޝައްކުތައް ބޮޑުކަން ޝަރީޢަތްތަކަށް ޙާޟިރުވީ ނޫސްވެރިންވެސް ފާހަގަކުރެއެވެ.
އެގޮތުން 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޕީޖީ އޮފީހުގެ ވަކީލަކު ބުނި ގޮތުގައި، ޕީޖީ ކަމުގެ މަޤާމާއި ހަވާލުވުމަށް ފަހު މިހާރުގެ ޕީޖީ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ކާނަލް ނާޒިމްގެ މައްޗަށް އިއްވި ހުކުމަކީ ބޭއިންސާފު ހުކުމެއް ކަމުގައި ބުނެ ވާހަކަ ދައްކާފައިވާ ކަމަށެވެ.
މިހާރުވެސް ސޯޝަލް މީޑިއާގައި ނާޒިމްގެ މައްޗަށް ކުރި ޙުކުމް ހައިކޯޓުން ދަމަހައްޓާނެކަމަށް ބުނެ ލިޔުންތަކެއް ދައުރުވާއިރު ބޮޑެތި ފުށުއެރުންތަކާއި ދޮގުތަކަކަށް ބެލުމެއްނެތި ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓަފާނެތޯ ސުވާލުއުފެދެއެވެ. އެކަންވެސް އަންނަ މާދަމާ އެނގިގެންދާނެއެވެ.