ބްރެޒިލްގެ ސަރުކާރުގެ ކެބިނެޓުން ކުރީގެ ރައީސަށް މަޤާމެއް ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ވެރިކަންކުރާ ވޯކާސް ޕާޓީގެ މެންބަރުންނާއި ހަވާލާދީ ބައިނަލްއަޤްވާމީ މީޑިޔާގައި ބުނެފައި ވަނީ ކުރީގެ ރައީސް ލޫލާ ކެބިނެޓަށް ގެންނެވުމަކީ ރައީސާ ދިލްމާ ރޫސެފުގެ ސަރުކާރު ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ބްރެޒިލްގެ ތެޔޮ ކުންފުނީގެ ކޮރަޕްޝަނުގެ މައްސަލައަކާއި މަނީ ލޯންޑްރިންގެ މައްސަލަތަކެއްގެ ތުހުމަތުގައި ލޫލާއާ ސުވާލު ކުރުމަށް ފަހު އެ މައްސަލަތައް މިހާރު ވަނީ ކޯޓަށް ފޮނުވާފައިވާއިރު، ސަރުކާރުގެ ކެބިނެޓުން ދިން ފުރުސަތު ކުރީގެ ރައީސް ލޫލާ ޤަބޫލުކުރައްވާފައިވާ ކަމަށް ވެއެވެ.
ބްރެޒިލްގެ ގާނޫނު ބުނާ ގޮތުން ކެބިނެޓަށް ލޫލާ ވަޑައިގަތުމަކީ ގާނޫނީ ގޮތުން އެބޭފުޅާއަށޤ ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބިގެންދާނެ ކަމެެކެވެ. އެގޮތުން ކެބިނެޓްގައި ހިމެނޭ އެއްވެސް މެންބަރެއްގެ މައްސަލަ ދަށު ކޯޓަކަށް ނުބެލޭނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބްރެޒިލްގެ މިހާރުގެ ރައީސާ ރޫސެފް ވަނީ ލޫލާ އަށް ތާއީދު އޮތްކަން ހާމަކޮށްދެއްވުމުގެ ބައްދަލު ކުރައްވައިފަ އެވެ. ރޫސެފް ވިދާޅުވެފައި ވަނީ އެކަމަނާގެ ކެބިނެޓަށް ލޫލާ ވަޑައިގެންނެވުމަކީ ފަޚުރެއް ކަމަށެެވެ.
ރޫސެފް މިގޮތަށް ވިދާޅުވެފައިވާއިރު އެބޭފުޅާގެ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން މަގާމުން ދުރުކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ވަނީ ފަށާފައެވެ. އަދި އެކަމަނާ އިސްތިއުފާ އަށް ގޮވާލާ އެތައް ހާސް ބަޔަކު އާދިއްތަ ދުވަހު ވަނީ މަގުތަކަށް ނުކުމެފަ އެވެ.
ލޫލާގެ ސަޕޯޓަރުން ބުނަމުންދަނީ މިއީ އެބޭފުޅާގެ އަގު ވައްޓާލަން ފަށާފައިވާ މަސައްތަކެއް ކަމަށާއި އަދި ލޫލާ ކެބިނެޓަށް ގެނައުމަކީ ރައީސާ ރޫސެފްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ފިޔަވަޅެއް ކަމަށެވެ.