ޔުއެފާ ޔޫރޮޕާ ލީގުގައި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލް ބައްދަލުވުން ލިވަޕޫލް ކޮޅަށް ނިމި ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.
ފުރަތަމަ ލެގު އެންފީލްޑް ގައި ކުޅެ 0-2 ގެ ނަތީޖާ އަކުން ލިވަޕޫލް ކާމިޔާބުކޮށް، ރޭ އޯލްޑް ޓްރެފޯޑް ގައި ކުޅުނު މެޗު 1-1 ގެ ނަތީޖާ އަކުން އެއްވަރުވެ އެގްރިގޭޓުގެ ގޮތުން 1-3 އިން މޮޅުވެ ލިވަޕޫލް ވަނީ މުބާރާތުގެ ކުއާޓާ އަށް ގޮސްފައެވެ.
މިއީ މޮޅެއް ނުލިބި ޔުނައިޓެޑް މެޗު ނިންމާލި 4 ވަނަ މެޗެވެ.
އަނިޔާގެ މައްސަލަ ދިމާވެފައިވާ ޔުނައިޓެޑް ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފާއިތުވެދިޔަ މެޗުތަކާ ޙިލާފަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ނަމަވެސް ދެވަނަ ހާފުގައި އެހެން މެޗުތަކާ ދާދި އެއްހަމަ ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްފައިވަނީ އެންތޮނީ މާޝިއާލް އެވެ. 32 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ލިވަޕޫލް ގެ ޑިފެންޑަރ ކްލައިން މާޝިއަލް ވައްޓާލުމުގެ ސަބަބުން ލިބުނު ޕެނަލްޓީ ޖަހާފައިވެސް ވަނީ މާޝިއަލްއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ލިވަޕޫލްގެ ފިލިޕް ކުޓީނިއޯ ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
3-1 ގެ ނަތީޖާ އަކަށް ވުމުގެ އިތުރުން އެވޭ ގޯލެއް ޖެހުމުގެ ސަބަބުން ޔުނައިޓެޑަށް ލިވަޕޫލް ބަލިކުރުމަށް އިތުރު ހުރަސް ތަކެއް އެޅުނެވެ.
ދެވަނަ ހާފު ފެށިގެން ޔުނައިޓެޑްގެ ދެ ފުލްބެކް އިން ވެސް ވަނީ ބަދަލުކޮށް ބޮޑަށް އެޓޭކަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ވެލެންސިއާ އަދި ޑާމިއަން ވަނީ އަރުވާފައެވެ.
ނަމަވެސް މިބަދަލުތަކުގެ މާބޮޑު އަސަރެއް ގޭމަށް ކުރި ތަނެއް ފެނިފައި ނުވެއެވެ. މިމެޗުގައި ލިވަޕޫލްގެ ޑިފެންޑަރ ސަކޯ ގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.