ދިވެހި ރައްޔިތުންގެ ބައިތުލް މާލުން 1.22 މިލިއަން ރުފިޔާގެ ޚިޔާނާތެއް ކޮށްފައިވާއިރު، ދައުލަތުގެ ވަލިއްޔުލް ޢަމްރު އަށް އެކަން އެނގިވަޑައިގެންފައިނުވާކަމަށް ވިދާޅުވުމަކީ އެބޭފުޅާ ފެއިލް ވެފައިވާކަމުގެ ނިޝާނެއް ކަމަށް ރައްޔިިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ކުރިން ޕޮލިސް ކޮމިޝަނަރ ގެ މަގާމުގައި ހުންނެވި ރިޔާޒް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ރައްޔިތުންގެ ފައިސާއިން އެހާބޮޑު ޚިޔާނާތެއްވެފައިވާއިރު އެކަންކޮށްފައިވަނީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށެވެ.
އަދި އޭރުގައި ސަރުކާރާ އެއްކޮށް އޭރު ތިއްބެވި ސިޔާސީ ލީޑަރުން ތަކުރާރުކޮށް ރައީސް ޔާމީނަށް އެވާހަކަ އެކި މުނާސަބުތަކުގައި ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް ރައީސް އެވާހަކަ ގަބޫލުކުރައްވާފައިނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
ނަމަވެސް ރައީސްގެ ލޯންޗުކޮޅު ގޮއްވާލި ހާދިޘާގެ ފަހުން މިކަމާގުޅިގެން ރައީސްގެ ރާގުފުޅު މުޅީން ބަދަލުވެފައިވާކަމަށާއި އެ ހާދިޘާގެ ފަހުން ހުރހާކަމެއް ދަނީ ގޯސްކޮށް ކަމަށް ވިދާޅުވެ އެންމެ ފަހުން ރައްޔިތުންނަށް ފެނިގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ އަމިއްލަ ނައިބު ރައީސް ހައްޔަރުކޮށް ޖަލުގައި ބަންދު ކުރައްވައި މަޖިލިސް މެދުވެރިކޮށް އެމަނިކުފާނުގެ މަގާމް ބާތިލުކުރިތަނެވެ.
ރިޔާޒް ވަނީ ރައީސްގެ އެނގިނުލައްވާ ކަމަށް ވިދާޅުވިބަހަށް އަލިއަޅުވައި ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު ޚިޔާނާތެއް ވެފައިވާއިރު ރައީސް އެކަމަށް އިހުމާލުވުމަކީ ރައީސް ކަމުގެ ޒިންމާ އަދާނުކުރެވި އެކަމުން އެމަނިކުފާނު ފެއިލްވެވަޑައިގެންފައިވާ ކަމުގެ ނިޝާނެއް ކަމުގައި ވިދާޅުވެފައެވެ.
މިކަމުގައި ރައްޔިތުންގެ ފައިސާ ރައްކާތެރިކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އެމްއެމްއޭ ވެސް ފެއިލްވެފައިވާކަމަށާއި އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާތީ ސުވާލުކޮށް މިމައްސަލަ ހައްލު ކުރުމަށް ރައީސް މަސައްކަތް ކޮށްފައިނުވާކަމީ ވެސް ސުވާލުއުފެދޭ ކަމެއް ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް މިމައްސަލައަކީ ޖަލުގައި ހުންނެވެ ކުރީގެ ނައިބު ރައީސްގެ އެކަނި އިހުމާލުން ނުވަތަ ހަމައެކަނި އެބޭފުޅާ ކޮށްފައިވާ ކަމެއް ކަމަށް އެއްވެސް ގޮތަކަށް ގަބޫލުނުކުރައްވާ ކަމަށްވެސް ކުރީގެ ޕޮލިސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ. މިފަދަ މައްސަލަ ތަކަކީ ޒިންމާދާރުކަމާއެކީ ވަކިކޮޅަކަށް ނުޖެހި ތަހުގީގު ކުރެވޭނެ މައްސަލަތަށް ކަމާއި ދިވެހި ފުލުހުންގެ ތެރޭގައި އެފަދަ ގާބިލިއްޔަތުކަން ހުންނާނެ ކަމަށް ރިޔާޒް ވިދާޅުވެފައިވާއިރު ދިވެހި ފުލުހުންވެސް މިމައްސަލަ ތަހުގީގުކުރާ ތަނެއް ނުފެނެއެވެ.