އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި އެވަޓަން ބައްދަލު ކުރި މެޗު އާސެނަލް ކާމިޔާބުކޮށްފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު އާސެނަލް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލު 8 ވަނަ މިނެޓުގައި ކާމިިޔާބުކޮށްފައިވަނީ އޮޒިލް އާއި ސަންޗޭޒްގެ ރީތި ކުޅުމަކުން ދިން ޕާހެއް ކީޕަރު ކަޓުވާލުމަށް ފަހު ޑެނީ ވެލްބެކްއެވެ.
މެޗުގެ ކުރީކޮޅު އާސެނަލް ގޯލެއް ޖެހުމުގެ ސަބަބުން އެވަޓަން އަށް އުދަގޫތަކެއް ކުރިމަތިވި ނަމަވެސް ފުރުސަތުތައް އުފެއްދުމަށް އެވަޓަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މެދުތެރެ ހަމަނުޖެހި ކުރިއަށް ބޯޅަ ފޯރުކޮށްނުދެވި ބޯޅަ ލިބެނީ އާސެނަލް ކުޅުންތެރިންނަށެވެ.
މެޗުގެ ދެވަނަ ގޯލު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ކާމިޔާބުކޮށްފައިވަނީ އާސެނަލްގެ ޒުވާން ފޯވާޑް އެލެކް އިވޯބީއެވެ. މިއީ އިވޯބީގެ ފުރަތަމަ ޕްރިމިއާ ލީގު މެޗެވެ.
ދެވަނަ ހާފުގައި މާބޮޑު ކުޅުމެއް ދެ ޓީމަށްވެސް ދެއްކިފައި ނުވާއިރު އާސެނަލްގެ ކޯޗު ވެންގާ ބުނެފައިވަނީ ޖުމުލަ ގޮތެއްގައި މުޅި މެޗުގައި އޭނާގެ ކުޅުންތެރިން ދައްކާފައިވަނީ ރަނގަޅު ކުޅުމެއް ކަމަށާއި ކުޅުންތެރިންގެ ކުޅުމާމެދު ފަޚުރުވެރިވާކަމަށެވެ.
ފާއިތުވި ދެމެޗުން އާސެނަލް އަށް ލިބިފައިވާ ހިތްދަތި ނަތީޖާތަކަށް ރައްދު ދިނުމަށް މިރޭ ލިބުނު ފުރުސަތުގެ ބޭނުން ހިފާފައިވިނަމަވެސް މިސީޒަނުގައި އިތުރު ކާމިޔާބީއެއް ލިބުމުގެ އުއްމީދެއް ނެތެވެ.
ލީގު ތާވަލުގެ ތިންވަނައިގައި މިހާރު 8 ޕޮއިންޓު ފަހަތުގައި އޮތް އިރު އެއްވަނައިގައި އޮތް ލެސްޓާ ސިޓީ ކުޅެމުންދާ މެޗުގެ ދެވަނަ ހާފުގެ ބޮޑު ބައެއްގެ ކުޅުން ކުޅެވިފައިވާއިރު ލެސްޓާ އޮތީ 0-1 ގެ ނަތީޖާ އަކުން ކުރީގައެވެ.
ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާ ދެމެދު 5 ޕޮއިންޓު އޮތް އިރު ބާކީ އޮތީ އެންމެ 8 މެޗެވެ.
ކާމިޔާބު ސީޒަނެއް ލެސްޓާ ގެ ފަރާތުން ފެނިފައިވާއިރު މިސީޒަނުގެ ތަށި ލެސްޓާ އިން އުފުލާލުމަކީ މިއަދު ޕްރިމިއާ ލީގުގެ އިތުރުން ދުނިޔޭގެ އެހެން ލީގުތަކުގެ ސަޕޯޓަރުންވެސް ބަލަން ބޭނުންވާ މަންޒަރެކެވެ.