ފުލުހުންގެ ހައްޔަރުގައި ތިބޭ ފަރާތްތަކަށް އެމީހުންގެ އާއިލީ ފަރާތްތަކާއި ގާނޫނީގޮތުން ލިބިދޭ ހައްގެއް ކަމުގައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ހަނިކޮށްފިއެވެ.
ކަސްޓޯޑިއަލް ޑިޕާޓުމަންޓުގެ ވެރިޔާ ސޮއި ކުރައްވައި މިއަދު ނެރުނު އެންގުމުގައިވާގޮތުން މިއަދުން ފެށިގެން އާއިލީގޮތުން ހައްޔަރުގައި ތިބޭ މީހުންނާ ބައްދަލު ކުރަން އަންނަ ފަރާތްރަކަށް ބައްދަލު ކުރެވޭނީ ކޮންމެ 15 ދުވަހަކުން އެއް ދުވަހު އެންމެ ގަޑިއިރަކަށެވެ. ވަކީލުންނަށް ހަފްތާއަކު ދެ ދުވަހު ޖުމުލަ ތިން ގަޑިއިރަށެވެ.
މިގޮތަށްވެސް ބައްދަލު ކުރެވެނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.
ބައްދަލުކުރުންތައް ހަނިކޮށްފައިވަނީ ވީހާވެސް ގިނަ ފަރާތްތަކަށް މިފުރުސަތު ދިނުމަށް ކަމަށް ބުނެފައިވީނަމަވެސް ވަކީލުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދެކޮޅުހަދަމުންނެވެ. ރޭގަނޑު 10 ޖަހަންދެން ބައްދަލު ކުރެވޭނެކަމަށް ބުނެފައިވާއިރު އިރުއޮއްސި 6 ގެ ފަހުން ދޫނިދޫއަށް ނޭރޭނެކަން އެބޭފުޅުން ވަނީ ފާހަގަކޮށްފައެވެ. މިއީ އިތުރު މީހުންނަށް ފުރުސަތު ދިނުމުގެ ނަމުގައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށް ވަކީލަކު ވަނީ ކަންބޮޑުވުން ފާޅު ކުރަމުން ބުނެފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ބަހެއް ލިބިފައިނުވާއިރު ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި ކުރީގެ ޕީޖީ މުހުތާޒުގެ އިތުރުން ކުރީގެ ކާނަލް އަހުމަދު ފަޔާޒް(ޕާޕާ) ވަނީ ހައްޔަރުގައެވެ.