ފުލުހުންނަށް އިންޒާރުދީ، އެމީހުން ދިރިއުޅޭ ތަންތަނަށް ހަމަލާދޭން މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވައި، އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންނަށް އަމާޒުކޮށް ތަފާތު އިންޒާރު ދެމުންދާ ދަނޑިވަޅެއްގައި ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ގާނޫނީ މަސައްކަތުގައި ދެމިތިބެ އެ މަސައްކަތުގައި ޙަރަކާތްތެރިވާ ބަޔަކަށް ފުލުހުން ވީއިރު ފުލުހުންގެ އާއިލާ ތަކަކީވެސް އެހެން ރައްޔިތުންނާއެކު އެއް މުޖުތަމައެއްގައި ދިރިއުޅުމުގެ ފުރުސަތު އޮންނަ ބައެއް ކަމަށެވެ. \
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެމީހުންނަށް އިންޒާރު ދީ ދިރިއުޅޭ ތަންތަނަށް ގެއްލުން ދޭނަމަ އެ މައްސަލަ ބަލައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެމީހުންނާ ދެކޮޅަށް ހިންގާ އަމަލުތައް ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ފުލުހުންގެ ބަޔާނުގައި ބުނި ގޮތުގައި ރައްޔިތުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ވެސް ލިބިދޭން ޖެހޭނެ އެވެ. އެ މީހުންނަށް އިންޒާރުދީ އެމީހުން ދިރިއުޅޭ ތަންތަނަށް ގެއްލުން ދިނުން ފަދަ ކަންކަން މުޖުތަމައުގައި އިތުރުވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާ ގުޅިގެން މުޖުތަމައުގެ އަމަން އަމާންކަން ދަމަހައްޓައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކަމަށް އެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރަނީ ރައްޔިތުންނާ ގާތުން ދެވޭ ހިދުމަތެއްގެ ގޮތުގައި ހިދުމަތް ހަދައި އަމާން މުޖުތަމައެއް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށާއި މި މަސައްކަތުގައި ފުލުހުންނަށް ދެމިތިބެވޭނީ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ފުލުހުން މިފަދަ ބަޔާނެއް ނެރެފަިއވަނީ މާލޭގައި ފުލުހަކު ދިރިއުޅޭ ގެއަކަށް ދެ މީހަކު ގޮސް ބިރުދައްކާފައިވަނިކޮށް އައްޑޫގައި ފުލުހުން ދިރިއުޅޭ އިތުރު ގެއަކަށް ބަޔަކު ހަމަލާ ދީފައިވާ ދަނޑިވަޅެއްގައެވެ.