ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައިވަނިކޮށް ދެވަނަ ހާފުގައި ތިން ލަނޑު ޖަހައި ސައުތްހެމްޕްޓަން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތްހެމްޕްޓަން އަދި ލިވަޕޫލް ބައްދަލު ކުރި މެޗު ފަށައިގެން ލިވަޕޫލް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ނަތީޖާ އެއްގެ ގޮތުން 17 ވަނަ މިނެޓުގައި ލިވަޕޫލްގެ ކޫޓީނިއޯ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދައި، އެ ޓީމަށް ލީޑު ނަގައިދިނެވެ.
އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ޑެނިއަލް ސްޓަރިޖް ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލްގެ ލީޑް ފުޅާކޮށްދީފައެވެ. ސްޓަރިޖްގެ ލަނޑަށް ފަހު ވެސް ލިވަޕޫލް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ.
ދެވަނަ ހާފު ފެށިގެން ސަދަމްޕްޓަން އިން ނިކުތީ ބޮޑަށް އެޓޭކަށް ވިސްނައިގެންނެވެ.
އެގޮތުން 50 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ލިވަޕޫލްގެ ޑިފެންޑަރ މާޓިން ސްކާޓަލް ކުރި ފައުލަކާ ސައުތްހެމްޕްޓަން އަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މަނޭ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ސައިމޮން މިންގޮލޭ ވަނީ ހުޝިޔާރު ކަމާއެކު މަތަކޮށްފައެވެ.
ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ސައުތްހެމްޓަން އިން ހިތްވަރާއި އެކު ކުޅުމުގެ ނަތީޖާއެއްގެ ގޮތުން 64 ވަނަ މިނެޓުގައި ޕެނަލްޓީ މިސް ކުރި މަނޭ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
އޭގެ 20 މިނެޓުފަހުން ނަތީޖާ އެއްވަރުކޮށްދީފައިވަނީ ޕެލޭ އެވެ. މެޗު ނިމެން 4 މިނެޓަށް ވެފައިވަނިކޮށް މަނޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އެ ޓީމަށް ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިދީފައެވެ.
މެޗު ނިމިގެން ދިން އިންޓަވިއުގައި ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފައިވަނީ ޓޮޕް 4 ހޯދުމަށް އޭނާގެ ޓީމު ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.