ސްޕެނިޝް ލަލީގާ ގައި ކުރިއަށް އޮތީ 'އެލް ކްލެސިކޯ' އެވެ. ލަލީގާ އަދި ދުނިޔޭގެ ފުޓުބޯޅަ ތާރީހުގެ ވެސް އެންމެ ވާދަވެރި، އެންމެ ކާމިޔާބު ދެ ޓީމު ކަމުގައިވާ ބާސެލޯނާ އަދި ރިއަލް މެޑްރިޑް ބައްދަލު ކުރާ ހާއްސަ މެޗެވެ.
މިސީޒަނުގެ ކުރީކޮޅު ރިއަލް ގެ ދަނޑުގައި ކުޅުނު މެޗު ފަސޭހަ ކަމާއެކު ބާސާ އިން ކާމިޔާބުކޮށްފައިވީ ނަމަވެސް މިހާރު ރިއަލް އޮތީ ބާސާ އަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ރިއަލްގެ މެނޭޖަރު އަދި ކުރީގެ ރިއަލްގެ ތަރި ޒައިނެދީން ޒިދާން ވަނީ ބުނެފައެވެ.
މިހަފްތާގައި ސެވީއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ރިއަލްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ބާސާ އަދި ވިލަރެއަލް ބައްދަލު ކުރި މެޗުގައި ބާސާ ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އެހެން މެޗުތަކާ އަޅާ ބަލާއިރު އާދައިގެ ކުޅުމެކެވެ.
ރިއަލް ސެވިއާ 0-4 ގެ ނަތީޖާ އަކުން ބަލިކޮށްފައިވާއިރު، ވިލަރެއަލް ވަނީ ބާސާ 2 ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ގޯލު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށް ބާސާ އަތުން ޕޮއިންޓެއް ހޯދާފައެވެ.
39 މެޗު ބަލިނުވެ ބާސާ ނިންމާފައިވާއިރު ދެން އޮތީ ހާއްސަ މެޗަކަށް ވެފައި ބާސާ ވެސް ފުރިހަމައަށް މިމެޗަށް ތައްޔާރުވާނެކަން ޔަގީނެވެ.
'އެލް ކްލެސިކޯ' އަކީ އެހަރު ތެރޭގައި އެންމެ ގިނަ މީހުން ބަލާ ފުޓުބޯޅަ މެޗު ކަމަށް ވެފައި މިފަހަރުވެސް ދުނިޔޭގެ އެކި ހިސާބުތަކުން ދެޓީމުގެ ސަޕޯޓަރުންގެ އިތުރުން ފުޓުބޯޅައިގެ ސަޕޯޓަރުންވެސް އަންނަނީ ތައްޔާރުވަމުންނެވެ.
އެންމެ ފަހަކަށް ކުޅުނު 3 'އެލް ކްލެސިކޯ' އަށް ބަލާއިރު ދެ ކްލެސިކޯ ބާސާ އިން ކާމިޔާބުކޮށްފައިވާއިރު ރިއަލް ވަނީ އެކެއް ކާމިޔާބުކޮށްފައެވެ. ޖުމުލަ 11 ގޯލު މި ތިން މެޗުގައި ފެނިގެން ގޮސްފައިވެއެވެ.
މިމެޗު ކުޅޭނީ އެޕްރިލް 2 ވާ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:30 ގަ އެވެ. މިހަފްތާ އަށް ފަހު ކުޅުންތެރިން ދާނީ އިންޓަނޭޝަނަލް ބްރޭކްގައި ކުޅުންތެރިންގެ ގައުމީ ޓީމާ އެއްކޮށެވެ.