މި މަހުގެ 2 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހިތަދޫ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގު ދިގުލައިގެންދާތީ ކަންބޮޑުވުން ފާޅުކުރުމަށް އައްޑޫގެ ޒުވާނުންނާއި ވިޔަފާރިވެރިން ގުޅިގެން ހުކުރު ދުވަހު އިހްތިޖާޖް ކުރަން ނިންމައިފިއެވެ.
ހުކުރު ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އިންތިޒާމު ކުރުމުގައި އުޅުއްވާ ފަރާތަކުން 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އަލީގެ މަރާލި މައްސަލައާއި ގުޅިގެން އިހްތިޖާޖް ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.
" އަޅުގަނޑުމެން ރާވާފައި އޮތީ ހިތަދޫ ސްކޫލު ކަރިން ފެށިގެން ގޮސް ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަމައަށް ހިނގާލުމެއް ބޭއްވުމަށް. މިއީ ސިޔާސީ ކަމެއް ނޫން ބޭނުން ވަނީ އަޅުގަނޑުމެންގެ އަޚް އަލީގެ ގާތިލުންނަށް ޙައްޤު އަދަބު ދިނުން އަވަސްކުރުމަށް ގޮވާލުން. "
އަލީގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގެ ވާހަކަ ރަށުތެރޭގައި ގަދައަށް ދެކެވެމުން ދާއިރު، ފުލުހުންގެ ފަރާތުން ތަހުގީގާއި ބެހޭގޮތުން ބަހެއް ނުބުނެ 3 ހަފްތާ ވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި ވެސް މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އަލީ މަރާލި މައްސަލަ އާއި ގުޅިގެން އަލީ އަށް ބޮޑު ބޭބެ ކިޔާ ހިތަދޫ ހެޕީ ފިއުޗާ އަހުމަދު އިބްރާހީމްދީދީ، 39، ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.