ރާއްޖޭގެ ފަނޑިޔާރު ގެތަކުގައި އިންސާފެއް ނެތް ވާހަކަ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ގޮވަމުން ދަނިކޮށް ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފާޑު ކިއުންތައްވެސް އެންމެ ފަހުން ފަނޑިޔާރު ގެއަށް އަމާޒުވެއްޖެއެވެ.
މިނިސްޓަރ ކަމުން އުމަރު ނަސީރު އިސްތިއުފާ ދެއްވުމަށް ވަގުތު ކުޑަތަންވަމުން ދާ ކަމުގެ އަޑުފެތުރިފައިވަނިކޮށް މިއަދު މީޑިއާ ތަކަށް އުމަރު ވިދާޅުވީ، ޖިނާއީ ކުށްތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ ކުށްވެރިން ޝަރުއީ ކޯޓުތަކުން ދޫކުރަމުން ދަނީ ގާނޫނީ އެއްވެސް ބިންގަލެއް ނެތި ކަމަށެވެ.
ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިއާސީ އިންތިހާބްގައި ވާދަކޮށްފާނެ ކަމަށް ބެލެވޭ އުމަރު ނަސީރު މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި މިވަނީ ފުލުހަކަށް މަރުގެ އިންޒާރު ދިން ދެ މީހެއްގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން މިދިޔަ ހޯމަ ދުވަހު ދޫކޮށްލުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހަކު ގޭބަންދަށް ބަދަލުކުރަން ކޯޓުން އިއްޔެ އަމުރުކޮށްފައިވަނިކޮށެވެ.
އުމަރު ވިދާޅުވީ މިކަން ކަން ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް މިހަފްތާ ތެރޭގައި ސިޓީ އެއް ފޮނުއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
"ހުދުވަލެއްގައި ހިއްޕަވައިގެން، ކަޅުއޮށްފުންމީ"ގައި އުމަރު ދަތުރަށް ނިކުމެ އުޅެނިކޮށް، ކަޅުއޮށްފުންމި ފަރަކަށް އަރައި، ކަނޑުވުމުން އުމަރުއަށް ސިޔާސީ ހިމާޔަތެއް މިހާތަނަށް ހޯދާފައިވަނީ މިހާރުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުންނެވެ. ނަމަވެސް އުމަރު މިނިސްޓަރު ކަމުގައި ހުންނަވަނީ "ފިޔަކޮށާލާފައިވާ" ދޫންޏެއްގެ މިސާލުގައެވެ.
އުމަރު މީޑިއާގައި ފާޅުގައި ޖުޑިޝަރީއަށް ފާޑު ކިޔާފައިމިވަނީ ރައީސް ޔާމީން އާއި އުމަރު އާއި ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ ގިނަ ރައްޔިތުން ފަނޑިޔާރުގެ ތަކުގައި އިންސާފެއް ނެތްކަމަށް ބުނަމުން ދަނިކޮށް ހޯމް މިނިސްޓަރ އުމަރު ނަސީރު މިފަދަ ގޮތަކަށް ފަނޑިޔާރުންނަށް އަމާޒުކޮށް ފާޑު ކިއުމުން މިކަމުގެ ސީރިއަސް މިންވަރު މިވަނީ ހާމަވެފައެވެ.