ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީޢާތް ކުރަމުން ގެންދާ ގޮތަށް ފާޑުކިޔައި ގިނަ ބަޔަކު ވާހަކަ ދައްކަމުން ގެންދަނީ، ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޤާނޫނާއި ޤަވާއިދުތަކުގައި ވަރަށް ސަރީޙަކޮށް ބަޔާންކޮށްފައި ހުންނަ ކަންތައް ވެސް 'އޮޅިވަޑައިގެން' ތިއްބަވައި ކޯޓުތަކުން ނިންމުންތައް ނިންމަމުން ގެންދާތީއެވެ.
އޭގެ އެއް މިސާލަކީ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތެވެ. ޖިނާޢީ ދައުވާތައް ސާބިތުކުރުމަށް ދައުވާ ލިބޭ ފަރާތާއި ދެކޮޅަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރަން ޖެހޭ ނަމަވެސް އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ، މައްސަލަ ބެއްލެވި ގާޒީ ބާރީ އަށް އިމްރާން ކުށްވެރިވާ ކަމަށް ޤަބޫލުކުރެވޭތީއެވެ.
އިމްރާންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ނިންމު ގޮތުން ހުރި މައްސަލަތައް ފާހަގަކޮށް ހައި ކޯޓުގައި އެ މައްސަލަ އިސްތިޢުނާފް ކުރުމުން، އެ މައްސަލަ ބެއްލެވުމަށް ހައި ކޯޓުން ކަނޑައެޅި 2 ފަނޑިޔާރުން ކަމަށްވާ ޝުޖާޢު އުޘްމާން އާއި އަބްދުﷲ ދީދީ އަކީ ދަށު ކޯޓުގައި ވެސް އިމްރާންގެ މައްސަލަ ބެއްލެވި 2 ފަނޑިޔާރުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި ޝުޖާޢު އުޘްމާން ޕްރޮމޯޓް ކުރީ، ދުރާލައި ރާވައިގެން އިމްރާންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި މެދު ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު، މިއީ އަނެއްކާވެސް ކޯޓުތަކުގެ ފެންވަރު ރައްޔިތުންނަށް ހާމަވެގެން ދާނެ ކަމެކެވެ.
ޝަރީޢަތްކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގެ 35 ވަނަ މާއްދާގެ 2 (ށ) ގައި ވަނީ "ފަނޑިޔާރުގެ ކުރި މައްޗަށް މައްސަލަ ހުށަހެޅޭއިރު، އެ މައްސަލައަކީ، ރައްޓެހިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ފަނޑިޔާރާ ގުޅުމެއް ހުރި މީހެއްގެ މައްސަލައެއް ކަމަށް ވާނަމަ، އެ މައްސަލައެއް ބެލުމުން ފަނޑިޔާރު އަމިއްލައަށް ތަނާޒުލުވާން ވާނެއެވެ.
އަދި ހަމަ އެހެންމެ ޤާނޫނު ނަންބަރު 13/2010 ގެ 29 ވަނަ މާއްދާގެ (ހ) ގެ (13) ގައި "ފަނޑިޔާރަކު ، ސީދާގޮތުން ނުވަތަ ނުސީދާގޮތުން އަމިއްލަ ނުވަތަ ޝަޚްސީ މަޞްލަޙަތެއް އޮތް ނުވަތަ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާއި އެކު އޮތް ގުޅުމެއްގެ ސަބަބުން ފަނޑިޔާރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ އެއްވެސް މައްސަލައެއް" ބަލައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ސުވާލަކީ، ޤާނޫނާއި ޚިލާފަށް ބެންޗް އެކުލަވާލައި އިމްރާންގެ އިސްތިޢުނާފުގެ މައްސަލަ ހައި ކޯޓުގައި ފަށާފައިވާއިރު، އެއީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ދިފާޢު ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވެދާނެތޯއެވެ؟