23 މާޗު 2016 ވީ ބުދަ ދުވަހު މާލޭގެ ގޭންގުތަކަށް ނިސްބަތްވާ 6 މީހަކާ ދެކޮޅަށް މޮނިކޮން(މޮނީޓަރިން އެންޑް ކޮންޓްރޯލް) ނެރެފިއެވެ. ހޯމް މިނިސްޓަރ އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވަނީ ގޭންގުތަކަށް ނިސްބަތްވާ 10 މެމްބަރަކާ ދެކޮޅަށް މިއަމުރު ނެރޭނެކަމަށާއި މިމީހުންނާ ދެކޮޅަށް 'ފުލް ފޯސް' ގައި އަމަލު ކުރާނެ ކަމަށެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުން އަދި މޮނިކޮން އަމުރު ނެރެފައިވަނީ 6 މީހުންނާ ދެކޮޅަށެވެ. މި ހަ މީހުންނަކީ މ. ލިލީޕާކް ފަޒީލް ޙަމީދު (25އ) އާއި، ގ. ކެރަފާގެ މުޙައްމަދު ޝާބިލް އިސްމާޢީލް (23އ) އާއި، ދަފްތަރު އާރު އެސް. 9634 މިދުހަތު އަބޫބަކުރު (20އ) އާއި، ގއ. ދާންދޫ ފަހުދާ ވާދީ، ފައްސާން ވަލީދު (20އ) އާއި، މ. ހިއްސާ، ޢާޠިފް ޢަބްދުލް ޙަލީމް (24އ) އާއި، ދަފްތަރު ނަމްބަރު ޑީ.އެޗް.އާރު. 1475، އަޙްމަދު ރިޒާމް (26އ) ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން އަދި 5 މީހަކާ ދެކޮޅަށް މޮނިކޮން އަމުރު ނެރުމަށް ހައިކޯޓުގައި އެދިފައިވާނެ ކަމަށް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖޭގައި ނެރުނު ފުރަތަމަ މޮނިކޮން އޯޑަރު ކަންވެސް ފާހަގަކޮށްލެވެއެވެ. މިއީ ފުލުހުންނަށް މާލެ ތެރޭގައި އަމަން އަމާންކަން ގާއިމުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓަރު އުމަރު ވަނީ ފާހަގަކޮށްފައެވެ.
މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތަކަށް ރޭގަނޑު 10:00 އާ ހެނދުނު 6:00 ދެމެދު ބޭރުތެރޭގައި އުޅުން މަނާވެއެވެ. މާލެއިން ފުރުން މިނިސްޓަރުގެ ހުއްދަ އާ ނުލާ މަނާ ވެފައިވާއިރު އަމުރުގައި ކަނޑައަޅާފައިވާ ހިސާބުތަކަށް ދިއުންވެސް މަނަލެވެ.
އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި، ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަރ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަރކޮށް ކޮންޓްރޯލްކުރުމަށް އަމުރުކުކޮށްފައި ވެއެވެ.
މޮނިކޮން އަމުރު ތަންފީޒު ކޮށްފައިވާއިރު މިއަމުރުގެ ދަށުން މޮނީޓާ ކުރާ ފަރާތްތަށް ބަލަހައްޓުމަށް ފުލުހުން ތައްޔާރު ކަމަށާއި މިކަން ރަނގަޅަށް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
މޮނިކޮން އަމުރުގެ ދަށުން މިމީހުންނާމެދު ފުލުހުންނަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އެމީހުން ގެ ގައިގައި ޓްރެކިންގ ޓެގު އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރާއި އެމީހުންގެ މުވާސަލާތީ އެންމެހާ ކަމެއް ބަލައި، އަޑުއަހައި ރެކޯޑު ކުރުމުގެ ބާރުވެސް ފުލުހުންނަށް ގާނޫނުން ދީފައިވެއެވެ.
އިއްޔެ ހައިކޯޓުން މޮނިކޮން އަމުރެއް ނެރެފައި މިވަނީ ގޭންގު ތަކަށް ނިސްބަތްވާ ފަރާތްތަކުން ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި އިންޒާރު ދީ، ބައެއް ފުލުހުން ދިރިއުޅޭ ތަންތަނަށް ގެއްލުންދީ މިމައްސަލަތައް ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.
ނަމަވެސް މިމައްސަލައިގައި ފުލުހުން ތުހުމަތުކޮށް ހައްޔަރުކުރި ފަރާތްތަކުން ކޯޓުން ދޫކޮށްލާފައިވަނިކޮށް ހޯމް މިނިސްޓަރު އެކަމަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައިވެސްމެއެވެ.