އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ޤަވާއިދާއި ޚިލާފަށް އެކި ސަރަހައްދުތަކަށް ކުނި އެޅުމަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ހުރިހާ ރައްޔިތުންނަށް ވެސް އެކަމުގެ އުނދަގޫ ފޯރާ ކަމެކެވެ. އެއްވެސް ބެލުމެއް ނެތި އެކި ސަރަހައްދުތަކަށް އެއްބަޔަކު ކުނި އުކާލަމުން ގެންދާއިރު، އެ ގޮތަށް ޢަމަލު ކުރާ ފަރާތްތަކާއި މެދު މިހާތަނަށް ފިޔަވަޅެއް އެޅިފައެެއް ނުވެއެވެ.
ހިތަދޫއަށް ބަލާއިރު އެކި ސަރަޙައްދުތަކަށް ކުނި އުކާލުމުގެ ސަބަބުން އެންމެ ބޮޑު ތަަކުލީފުތަކަކާއި ކުރިމަތިލާން ޖެހިފައިވާ އެއްބަޔަކީ، ހިތަދޫ ކައިށިބެހާ ފަންނު ހިސާބުގައި ދިރިއުޅޭ ރައްޔިތުންނެވެ. އެހިސާބަށް ކުނި އުކާލާ ރައްޔިތުންނަށް ނަސޭޙަތްތެރިވެގެން ވެސް އެމައްސަލައަށް ޙައްލެއް ނުލިބުމުން، އެމީހުން ވަނީ އިސްނަގައިގެން ގޮސް އައްޑޫ ސިޓީ ކައުންސިލާއި ވެސް ބައްދަލުކޮށްފައެވެ.
އިޖްތިމާޢީ މައްސަލައެއް ޙައްލުކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ދައުލަތުގެ މުޢައްސަސާ އަކާއި ބައްދަލުކުރުމަކީ އައްޑޫ އިން އެހާ ގިނައިން ފެންނަ މަންޒަރެއް ނޫނެވެ.
އައްޑޫ ސިޓީ ކައުންސިލާއި އެކު "ކައިށި ބެހާ ފަންނު" ހިސާބުގައި ދިރިއުޅޭ ދޮށީ އުމުރުގެ ރައްޔިތުން ބޭއްވި ބައްދަލުވުމުގައި ރައްޔިތުން ވަނީ އެ ސަރަހައްދަށް ކުނި އެޅުމުގެ ސަބަބުންނާއި އެ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ ފާޚާނާ ހޮޅީގެ ސަބަބުން މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އާންމު އުނދަގުލަކަށް ވެފައިވާތީ އެކަން ފާހަގަކޮށްފައެވެ.
ކައިށިބެހާ ފަންނު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެދުނު ކަންތައް:
• ކައިށިބެހާ ފަންނު ސަރަހައްދުގައި ދިވެހި ބަހުންނާއި ބަންގާޅި ބަހުން ލިޔެ، ކުނި އެޅުން މަނާކަން އަންގައިދޭ ބޯޑެއް ބަހައްޓައި ދިނުން.
• ކުނި އެޅުމަށްޓަކައި 5 ވަރަކަށް ފީފާ ބަހައްޓައި ދިނުން.
• ޤަވާއިދާއި ޚިލާފަށް ކުނި އެޅުމުން އެޅޭނެ ފިޔަވަޅު އެނގޭނެ ފަދަ ލިޔުމެއް ބަހެއްޓުން.
• އެސަރަޙައްދުގައި ލައިޓެއް ހަރުކޮށް ދިއްލޭނެ އިންތިޒާމު ހަމަޖައްސައި ދިނުން.
• އަމިއްލަ ފަރާތްތަކުން އަޅާފައިވާ ފާޚާނާ ހޮޅިތަކުގެ މައްސަލަ ޙައްލުކޮށްދިނުން.
އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ރައްޔިތުން އެދިލެއްވި ކަންތައް 2 ހަފްތާ ތެރޭގައި ފުރިހަމަކޮށް މައްސަލައަށް އަވަސް ޙައްލެއް ހޯޢްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން މޭޔަރ އަބްދުﷲ ސޯދިޤް ވަނީ ދެއްވާފައި ކަމަށެވެ.
"މޭޔަރ ވިދާޅުވި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ގުޅިގެން ޤާނޫނާއި ޚިލާފަށް ކުނި އަޅާ ފަރާތްތަކާއި މެދު އަަމަލުކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް މަޝްވަރާ ކުރައްވާނެ ކަމަށް"