Last Updated: November 24, 17:24
Sunday, November 24, 2024
ރިޕޯޓް

ރައީސް ޔާމީންގެ ތިން ވަނަ ނައިބް ރައީސަކަށް މެޑަމް ފާތުން؟

ރައީސް ޔާމީން އާއި އަނބިކަބަލުން ފާޠިމަތު އިބްރާހިމް.

ގިނަ ޕާޓީއެކުލެވޭ ވެރިކަމުގެ ނިޒާމަކަށް ރާއްޖެ ބަދަލުވެގެން ދިއުމަށްފަހު ނައިބް ރައީސުންނަކީ ރާއްޖޭގައި މާ ރަނގަޅު ތަޖުރިބާއެއް ނޫނެވެ. ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު މިހާތަނަށް ރައީސް ޔާމީން ވެސް ދެ ނައިބް ރައީސަކު އައްޔަން ކުރައްވާފައިވާ އިރު ކޮންމެ ބޭފުޅަކު ވެސް އެމަނިކުފާނު ވިދާޅުވާ ގޮތުގައި ގައްދާރުވެވަޑައިގަންނަވަނީއެވެ.

ނައިބް ރައީސަކު ނެތި ރައީސް ޔާމީން ރައީސްކަން ކުރައްވަމުން ގެންދަވާތާ މިހާރުވަނީ ދުވަސްތަކެއްވެފައެވެ. ނައިބް ރައީސަކަށް އެމަނިކުފާނުވަނީ ނުހަނު ބޭނުންފުޅު ވެވަޑައިގެންފައެވެ. ނަމަވެސް އިތުބާރު ނުކުރެވޭ މީހަކަށް އެމަގާމު އަރުވަން ބޭނުންފުޅުވެވަޑައި ނުގަންނަވަނީއެވެ. ޕީޕީއެމްގެ އެންމެ ހަރު މީހުން ވެސް ބުނާ ގޮތުގައި ނައިބް ރައީސަށް އެންމެ އެކަށީގެންވަނީ މެޑަމް ފާތުމަތު އިބްރާހީމެވެ.

މެޑަމް ފާތުންއަށް އެމަގާމު އަރުވަން ރައީސް ޔާމީން ވިސްނުންފުޅު ގެންގުޅުއްވަނީ ކީއްވެ؟

ދެ ގޮތެއް ނުވާނެ

މެޑަމް ފާތުންއަކީ ރައީސް ޔާމީންގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާއެވެ. ދިރިއުޅުމުގައި މިހާތަނަށް އެމަނިކުފާނު ކުރިމަތިލެއްވި ކޮންމެ ކަމެއްގައި ކޮނޑާކޮނޑު ޖައްސަވައިގެން ހިންގެވި ހަމައެކަނި ބޭފުޅާއެވެ. އެމަނިކުފާނާ އެންމެ އެކުވެރިކޮށް އުޅުއްވި ބޭފުޅުން ހިޔާނާތްތެރިވެވަޑައިގެންނެވި އިރު ވެސް މެޑަމް ފާތުންގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ދެގޮތެއް ނުވެއެވެ. ވެރިކަމުގެ ދަހިވެތި ކަމަކީ ކޮންމެ މީހެއްގެ ވެސް އޮންނާނެ ދަހިވެތި ކަމެކެވެ. ނަމަވެސް ފިރިކަލުން އަވަހާރަކޮށްލާފައި އެ ވެރިކަން މެޑަމް ފާތުން ބޭނުންފުޅު ނުވާނެ ކަން ޔަގީނެވެ.

ސިޔާސީ ގޮތުން ހަރަކާތްތެރި

ނިމި ދިޔަ ރިޔާސީ ކެމްޕޭންގައި ވެސް މެޑަމް ފާތުންވަނީ ރައީސް ޔާމީން ޕްރޮމޯޓު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ. ކެމްޕޭންގެ ހަރަދުތަކަށް އެކަމަނާގެ އަމިއްލަފުޅު ފައިސާއިން ހަރަދު ކުރެއްވިއެވެ. ގިނަ ވަގުތުތަކެއް ކެމްޕޭން މަސައްކަތުގައި ހޭދަ ކުރެއްވިއެވެ. އަމިއްލަފުޅަށް ކެމްޕޭންގެ ކަންތައްތައް ބެލެހެއްޓެވިއެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން އަނިޔާތަކެއް ލިބިވަޑައިގެން އެތައް ދުވަހަކު ފަރުވާ ހޯއްދެވިއެވެ. ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ކުރިން ވެސް އަދި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށްފަހު ވެސް މެޑަމް ފާތުން ގެންދަވަނީ ރައްޔިތުންގެ ކައިރިއަށް ދޮރުން ދޮރަށް ވަޑައިގަންނަވަމުންނެވެ.

ކުރީގެ ރައީސުންގެ އަނބިއަނބިކަބަލުން އިޖްތިމާއީ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވާ އިރު މެޑަމް ފާޠުން ފެނިފައިވަނީ ރައީސް ޔާމީން އާއި އެކު ސިޔާސީ ދާއިރާއިންނެވެ.

2013 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިހާބްގައި، ރައީސް ޔާމީންގެ ކެމްޕެއިން ހުރިހާ ހަރަކާތެއް ބެލެހެއްޓެވީ ސީދާ މެޑަމް ފާޠުންގެ ބެއްލެވުމުގެ ދަށުންނެވެ. އެހެންވެ ފާޠުން ހިމެނިވަޑައިގެންފައިވަނީ ސިޔާސީ ގޮތުން ތަޖްރިބާ ހުންނެވި ބޭކަބަލެއްގެ ގޮތުގައެވެ.

ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނެއް

ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެ ކަމަށް ބުނެވެއެވެ. މާނައަކީ ފިރިހެން މީހާއަށް ލިބޭ ކާމީޔާބީގައި އެ އަންހެން މީހާގެ މަސައްކަތާއި ހިތްވަރު އެކުލެވިގެންވާނެއެވެ. ރައީސް ޔާމީން މިހާތަނަށް ހޯއްދެވި ހުރިހާ ކާމީޔާބީއެއްގައި އެކަމަނާގެ މިންނެތް މަސައްކަތާއި ހިތްވަރު ހިމެނޭނެ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ރައީސް ޔާމީން ސިޔާސީ ކަންކަމުގައި ހޭދަ ކުރައްވާއިރު ރައީސް ޔާމީންގެ މުޅި ދިރިއުޅުއްވުމުގެ ހުރިހާ ކަމެއް ބަލަހައްޓަވަމުން ގެންދަވަނީ މެޑަމް ފާތުންއެވެ.

ރައީސް ޔާމީން ވިދާޅުވާ ގޮތަށް ފާޠުން އަކީ ރައީސް ކުރައްވާ ކަންކަމާއި، ހޯއްދަވާ ފައިސާ އަކީ ކޮން ގޮތަކަށް ކޮންތާކުން ހޯދާ އެއްޗެއްތޯ ނާއްސަވާހާ ރަނގަޅު އަންބެކެވެ.

ރައީސް ޔާމީން 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ކާމިޔާބު އިންތިހާބަކަށް ހެއްދެވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރައްވަނީ މެޑަމް ފާތުން ކަމާމެދު ދެބަހެއް ނުވެވޭނެއެވެ. މެޑަމް ފާތުން އިސްކޮށް ހުންނަވައިގެން ހިންގަވަމުން ގެންދަވާ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ހިންގަމުންދާ ކާމިޔާބު ހަރަކާތްތަކުގެ މޭސްތިރިއަކީ މެޑަމް ފާތުންއެވެ. މިހާތަނަށް އައިއިރު ކާމިޔާބު ތިން މަހާސިންތާއެއް މެޑަމްވަނީ ބާއްވަވާފައެވެ.

ދުސްތޫރީ ނިޒާމްގައި ހުރަހެއް ނެތް

ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާގެ ނައިބަކަށް ރައީސަކަށް ހުންނަވާ ބޭފުޅެއްގެ އަނބިކަބަލުން ނުވަތަ ފިރިކަލުން ހުރުމަކަށް ގާނޫނުން ހުރަހެއް ނާޅައެެވެ. އެހެން ކަމުން ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ނައިބް ރައީސް ކަމަށް މެދަމް ފާތުން އައްޔަން ކުރުމަކުން ގޯހެއް ނެތެވެ.

ދެން އޮތީ ޕާޓީ އެތެރޭހެ ނިންމެވުމެވެ. ޕީޕީއެމް ވުޖޫދުގައި ބޭއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އިސް މޭސްތިރިއަކީ މެޑަމް ފާތުންއެވެ. ޕާޓީގެ ގިނަ މެމްބަރުންގެ ލޯބި ފާތުން ވަނީ ހޯއްދަވާފައެވެ. އެހެން ކަމުން މިހާރު ހުސްވެފައިވާ ނާއިބް ރައީސް ކަމަށް އައްޔަން ކުރައްވަން އެންމެ އެކަށޭނެ ބޭފުޅަކީ ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާޠިމަތު އިބްރާހިމް ކަމަށް ގިނަ ޕީޕީއެމް މެމްބަރުން ވިދާޅުވަނީ މިހިރަ ސަބަބުތަކާއި ހުރެއެވެ.