Last Updated: November 25, 10:32
Monday, November 25, 2024
ޚަބަރު

މިއީ ގަމަށް ޒިޔާރަތް ކުރާ އާރްއޭއެފް ގްރޫޕްގެ ވަދާއީ ދަތުރު: ކައުންސިލް

ދެވަނަ ބޮޑު ހަނގުރާމައިގައި އައްޑު އަތޮޅުގެ ގަމުގައި ތިބި އިިނގިރޭސި ރޯޔަލް އެޔާ ފޯސް(އާރްއޭއެފް)ގެ ސިފައިން ގަމުން ފޭބުމަށްފަހު 2010 ވަނަ އަހަރުން ފަށައިގެން އެކިއެކި ދަތުރުތަކުގައި ގަމަށް ޒިޔާރަތްކޮށްފައިވެއެވެ.
ރީޔޫނިއަންއެއްގެ ގޮތުގައި އޭރު ގަމުގައި ތިބި އާރްއޭއެފް ގެ ސިފައިންނާއި އެބޭފުޅުންގެ އަނބިކަނބަލުންވެސް ގަމުގެ ރީތި ތަންތަން ބަލާލުމަށް އަދި އައްޑޫގެ އެކި ހިސާބުތަކަށް ޒިޔާރަތްކޮށް ހަދާ މި ޒިޔާރަތުގެ އެންމެ ފަހު ދަތުރު މިހާރު މިބޭފުޅުން އަންނަނީ ކުރަމުންނެވެ.

ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ ވިދާޅުވެފައިވަނީ މިއީ ރީޔޫނިއަންގެ ވަދާއީ ދަތުރު ކަމަށެވެ. ޑެޕިއުޓީ މޭޔަރ ތޮއްޔިބުވެސް ވަނީ މިކަމަށް އެއްބަސްވެފައެވެ. މިއީ އެމީހުންގެ ފަހު ދަތުރަށްވެފައި ކުރިން ގަމުގައި މަސައްކަތް ކުރިއިރު ރަށުގެ ބައެއް ރައްޔިތުންނާ ރަހުމަތްތެރިވެ އެބޭފުޅުންނާ ބައްދަލު ކުރައްވައި އެމީހުން ގަމުގައި މަސައްކަތް ކުރިއިރު މަސައްކަތް ކުރި މަރުކަޒުތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް ސިޓީ ކައުންސިލުން ފަހި ކޮށްދީފައިވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިބޭފުޅުން އައްޑުއަށް އައިސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އައްޑޫ ސިޓީ ކައުންސިލް އަދި އޭރު ގަމުގައި މަސައްކަތް ކުރި ދިވެހިން ވަނީ މިވަފުދަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ. އީކުއޭޓާ ވިލެޖުގައި ތިބުން ހަމަޖެހިފައިވާއިރު އެތަނުގައި އާރްއޭއެފްގެ ދިދަ ވެސް ވަނީ ނަގާފައެވެ. ދިދަ ތިރި ކުރުމަށް ހަމަޖެހިފައިވަނީ މީގެ 40 އަހަރު ކުރިން ދިދަ ތިރިކުރި ތާރީޚު ކަމަށްވާ މިމަހުގެ 29 ވަނަ ދުވަސް ކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން ކައުންސިލަރު ފަހުމީ ވިދާޅުވެފައިވަނީ ގަމުގައި މިބޭފުޅުން ތިއްބެވިއިރު ހުޅުވާފައިވާ އާސްޓްރަލް ސިނަމާއަށްވެސް ޒިޔާރަތްކޮށްފައިވާނެކަމަށެވެ. އަދި އެތާނގައި ފޮޓޯ މައުރަޒެއް ބާއްވައި ބައެއް ތަކެތި ދައްކާލައިފައިވާނެކަމަށެވެ.

ރީޔޫނިއަންގެ ބައިވެރިންގެ ދަތުރުގެ ރަސްމީ ހަފުލާތަށް ނިމޭނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ. އަދި މިބޭފުޅުން އައްޑޫ ދޫކޮށްފުރުން ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ. ފުރުމުގެ ކުރީން އައްޑޫގެ ހުޅުމީދޫއަށް ޒިޔާރަތްކުރުންވެސް ވަނީ ހަމަޖެހިފައިކަމަށް ކައުންސިލަރު ފަހުމީ ވިދާޅުވިއެވެ.
އާރްއޭއެފްގެ ކުރީގެ 40 ސިފައިން ގަމަށް އައިސްފައިވާއިރު އެބޭފުޅުންގެ އަނބިކަނބަލުންވެސް މިދަތުރުގައި ބައިވެރިވެފައިވެއެވެ.