ހިތަދޫ މެޖިސްޓްރޭޓް ކޯޓު އަންދާލިތާ ހަތަރު އަހަރު ފަހުން އަލުން މަރާމާތްކޮށް ނިންމުމަށް ބީލަމަށް ލައިފިއެވެ.
8 ފެބްރުއަރީ 2012 ވަނަ ދުވަހު އައްޑޫ ސިޓީގެ ސަރުކާރު ބައެއް އިމާރާތްތަކުގައި ހުޅުޖަހައި އެތަންތަން ބޭނުންނުކުރެވޭ ވަރަށް އަންދާލާފައިވާއިރު ހިތަދޫގެ މެޖިސްޓްރޭޓް ކޯޓު ވެސް ވަނީ މިލިސްޓުގެ ތެރޭގައި ހިމެނިފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން ނެރެފައިވާ އިއުލާނެއްގައި ވާ ގޮތުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަނދާފައިވާ އިމާރާތް އާ ކޮށް އެ މަސައްކަތް ނިންމުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އެޕްރިލް މަހުގެ 24 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަދި މިމަސައްކަތުގެ ބިޑު ހުޅުވުން އޮންނާނީ އެޕްރިލް 25 ވަނަ ދުވަހުގައެވެ.
މީގެ އިތުރުން އިއުލާނުގައި ވާ ގޮތުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިނިސްޓްރީއަށް ނޮން ރީފަންޑެބުލް ފީއެއްގެ ގޮތުގައި 1500ރފ ދައްކަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 80،000 ރފ ވެސް ބަހައްޓަން ޖެހޭނެއެވެ. މީގެ މުއްދަތަކީ ބިޑު ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހެވެ.
މީގެ އިތުރުންވެސް ޕާފޯމެންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓު އަގުގެ 5 ޕަސަންޓު ދައްކަން ޖެހެއެވެ. އަދި އެޑްވާންސު ޕޭއިމެންޓުގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސަންޓުގެ ގެރެންޓީއެއް ފިނޭންސަށް ދައްކަން ޖެހެއެވެ.
8 ފެބްރުއަރީގައި އައްޑޫގެ ގިނަ ސަރުކާރު އިމާރާތްތަކުގައި ހުޅުޖަހައި ރައްޔިތުންނަށް އެތައް ދަތިތަކަމެއް ތަހައްމަލު ކުރަންޖެހި، އަދިވެސް އެތަހައްމަލްތައް ކުރަމުންދާއިރު މިމައްސަލައިގައި ތުހުމަތު ކުރެވިފައިވާ ފަރާތްތަކަށް ދައުވާ ކުރެވިފައެއްނުވެއެވެ. އޭގެ ބަދަލުގައި މިފަރާތްތަކަށް ލިބިފައިވަނީ ސަރުކާރުގެ އިސް މަގާމުތަކެވެ.