ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި "ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި" ކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް ޢަދުލު އިންސާފުގެ ދާއިރާ ސިޔާސީ ނުފޫޛާއި ކޮރަޕްޝަންގެ ބަވާގައި ޖެހި އިންތިހާއަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ގޮސްފައިވާއިރު ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށް ނުވަތަ ޝަކުވާތައް މަދުކުރުމަށް ކަންކަން ރަގަޅުކުރުމުގެ މަސައްކަތެއް އެއްވެސް ފަރާތަކުން ކުރާ ތަނެއް ނުފެނެއެވެ. ހަމައެކަނި ފެންނަނީ ދެވިފައިވާ "ޓާސްކް" ތައް ނިންމާލުމަށް މަސައްކަތްކުރައްވާތަނެވެ.
ފާޑުކިޔުންތައް ބޮޑު އަދި ޢާއްމުންގެ ނުރުހުން އަމާޒުވި ޝަރީޢަތްތަކަށްފަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ ޖަލުގެ ތޭރިތަކުގެ ފުރަގަހަށް ފޮނުވާލެވުނު ފަހުން ޝަރީޢަތް ހިންގުނު ސިޔާސީ އެންމެ އިސް ލީޑަރަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲއެވެ.
އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީޢަތް އެއީ ބޭއިންސާފު ޝަރީޢަތެއްކަން ޝަރީޢަތަށް ވަން ކޮންމެ ނޫސްވެރިއަކުވެސް ބުނެއެވެ. ފަހަރުގައި ފާޅުގައި ލިޔުއްވަން ކެރިވަޑައިނުގަންނަވާ ބޭފުޅުންވެސް ކޮފީ މޭޒުތަކުން އެވާހަކަތައް ހަމަ ތިލަކޮށް ކިޔައިދެއްވައެވެ.
ބޭއިންސާފުން އިއްވުނު ޙުކުމެއްކަމަށް ބުނެ އިމްރާން ޢަބްދުﷲ ހައިކޯޓަށް ވަޑައިގަތުމުން ދެން ދިމާވީ އަނެއްކާވެސް ޖުޑީޝިއަރީގެ މިނިވަންކަމާ އިންސާފުވެރިކަން "ޓެސްޓް" ކޮށްލެވޭފަދަ ކަމަކާއެކެވެ.
އިމްރާން ޢަބްދުﷲގެ މައްސަލަ އިސްތިޢުނާފް މަރުޙަލާގައި ބައްލަވަން ތިއްބެވި 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންނަކީ 2 ޖޫން 2015 ގައި ޢިމްރާން ޢަބްދުﷲ ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދަޢުވާ އުފުލައި ބޭއްވުނު ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމުގައި ތިއްބެވި ފަނޑިޔާރުންނެވެ. އިމްރާންގެ ފަރާތުން ހައިކޯޓުގައި އިޖުރާޢީ ނުކުތާއެއްގެ ގޮތުގައި އެކަން ފާހަގަކުރުމުން އެއީ މަސްލަޙަތު ފުށުއަރާފަދަ މައްސަލައެއް ނޫންކަމަށް ފަނޑިޔާރުން ނިންމެވިއެވެ. އެހެންކަމުން އެ ނިންމުމަކީ ޤާނޫނީގޮތުން ރަގަޅު ނިންމުމެއްތޯ ބެލުމަކީ ނެތްކަމެއް ނޫނެވެ.
އިމްރާންގެ މައްސަލަ ހައިކޯޓުގައި ބެއްލަވާ 2 ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި އަދާކުރެއްވި ދައުރު
ޚަބަރުފަތުރާ ވަޞީލަތްތަކާއި ޝަރީޢަތަށް އަޑުއަހަން ވަތް މީހުންގެ ފަރާތުން އެނގުނުގޮތުގައި 2 ޖޫން 2015 ގެ ރޭގަނޑު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި އިމްރާން ޢަބްދުﷲ ގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދަޢުވާ އިއްވިއެވެ. އެ ރޭގެ ޝަރީޢަތުގައި ދަޢުވާ ބިނާކުރާ ސަބަބުތައްވެސް ތަފްޞީލުކޮށް ދައުލަތުން ކިޔައިދެއްވިއެވެ. އެއާ ވިދިގެން އިމްރާން އަށް ފުރުސަތު ދެއްވުމުން ދަޢުވާއަށް އިންކާރުކުރެއްވިއެވެ. އޭގެ ފަހުން ޝަރީޢަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އިމްރާން ޢަބްދުﷲ ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ.
ދައުލަތުން އެގޮތަށް އެދުމުން އިމްރާންގެ ވަކީލު ޙުސްނުއްސުޢޫދު އެކަމަށް އިޢުތިރާޟްކޮށް އިމްރާންގެ ބަލިހާލަތު ހުރިގޮތުން ބަންދުގައި ބަހައްޓަންޖެހޭނަމަވެސް ބެހެއްޓޭނީ ގޭގައި ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާކަމަށް ބުނެ އެކަން ފާހަގަކުރުމުން 5 މިނަޓަށް ޝަރީޢަތް މެދުކަނޑުއްވާލެއްވުމަށްފަހު އެ ރޭ މައްސަލަ ބެއްލެވި ޤާޟީންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޢަބްދުﷲ ދީދީ (މިހާރު ހައިކޯޓުގެ އިސް ފަނޑިޔާރު) އިޢުލާންކުރެއްވީ އިމްރާން ޝަރީޢަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް 3 ޤާޟީންނަށްވެސް ފެނިވަޑައިގަންނަވާކަމަށެވެ. އެ ބެންޗުގައި އޭރު ހިމެނިވަޑައިގަތީ ޢަބްދުﷲ ދީދީގެ އިތުރުން މިހާރު ހައިކޯޓުެގެ ފަނޑިޔާރު ޝުޖާޢު ޢުޘްމާން އާއި އިމްރާންގެ މައްސަލަ "ގޮތެއް ނިންމަވައިގެން ހުންނަވައި" ކަމަށް ވިދާޅުވެ ބެއްލެވި ޤާޟީ ޢަބްދުލްބާރީ ޔޫސުފް އެވެ.
ކޮންމެއަކަށް އިމްރާންގެ މައްޗަށް ދަށުކޯޓުގައި ހިންގުނު ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބަލަން ތިއްބެވި 3 ޤާޟީންގެ ތެރެއިން 2 ބޭފުޅަކު މިހާރު އެ ތިއްބެވީ އިމްރާންގެ އިސްތިޢުނާފީ މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައެވެ. އެބޭފުޅުންނަށް އެ މައްސަލަ ބެއްލެވޭނެކަމަށް ވިދާޅުވީ މަޢުޟޫޢީ ގޮތުން އެ މައްސަލައަށް އެބޭފުޅުން ފައިސަލާ ކުރައްވާފައިނުވާކަމަށް ވިދާޅުވެއެވެ.
އިމްރާންގެ ބަންދާމެދު ކްރިމިނަލް ކޯޓުގައި ގޮތެއް ނިންމެވީ ހެކިތައް ވަޒަން ކުރެއްވުމަށްފަހު!
ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ 13 ވަނަ ނަމްބަރުގައި ފަނޑިޔާރެއްގެ މަސްލަޙަތެއް އޮތް މައްސަލައެއް ބަލައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޝަރީޢަތްކުރުމާބެހޭ ޤަވާއިދު 6.0 ގައިވެސް ފަނޑިޔާރުންގެ މަސްލަޙަތު އޮތް މައްސަލަތައް ބަލައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އިމްރާންގެ މައްސަލާގައި ދަށު ކޯޓުގައި މައްސަލައިގެ އެންމެހާ ލިޔުންތައް ބައްލަވައި ދިރާސާކުރައްވައި އަދި އޭރު ހުށަހެޅިފައިހުރި ހެކިތައް ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާޢު ޢުޘްމާންވެސް ވަނީ ވަޒަންކުރައްވާފައެވެ. އިމްރާން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވީ އެ ދެބޭފުޅުންގެވެސް އިއްތިފާޤުންނެވެ.
އިމްރާންގެ މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިވާ ހެއްކާ ޤަރީނާ ކްރިމިނަލް ކޯޓުގައި 2 ޖޫން 2015 ގައި ބެއްވުނު އަޑުއެހުމުގައި ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާޢު ޢުޘްމާންވެސް ވަނީ ވަޒަންކުރައްވާފައިވާކަން އެނގެނީ އިމްރާން ޝަރީޢަތް ނިމެންދެން ބަންދުގައި ބެއްޓުމަށް އަމުރުކުރައްވާފައިވާތީއެވެ. އެހެނީ ޝަރިޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނުވަތަ ބަންދާމެދު ޝަރީޢަތުގެ މަރުޙަލާގައި ނިންމާ ނިންމުންތައް އިސްތިޢުނާފް ނުކުރެވޭނެކަމަށް ކަނޑައަޅުއްވައި ހައިކޯޓުގެ ނަމްބަރ 2012/HC-A/91 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައި ޝަރީޢަތް ނިމެންދެން މީހަކު ބަންދުކުރަން ނިންމާ ނިންމުން ހައިކޯޓުގައި އިސްތިޢުނާފް ނުކުރެވެނީ އެއީ ފަނޑިޔާރުގެ ތަޤްދީރީބާރުގެ ތެރެއިން ނިންމާ ނިންމުމަކަށްވާތީއާއި އަދި އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށްފަހު މީހެއްގެ ބަންދާމެދު އެ މައްސަލަ ބައްލަވާ ފަނޑިޔާރު ގޮތެއް ނިންމަވަނީ ހުށަހެޅިފައިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތާއި (ފެކްޓްސް) ތަކާއި ހެކިތަކާއި ޤަރީނާތައް ވަޒަންކުރުމަށްފަހު ނިންމަވާ ނިންމެވުމަކަށް ވާތީކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ހައިކޯޓުގެ މި ނިންމުމަށްބަލާއިރު އިމްރާން ޢަބްދުﷲ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާޢު ޢުޘްމާންވެސް ތިއްބަވައިގެން ކްރިމިނަލް ކޯޓުގައި ނިންމަވާފައިވާ ނިންމުމަކީ އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޓެރަރިޒަމްގެ ކުށުގެ ދަޢުވާގެ ކަންހިނގާފައިވާގޮތަކާއި ހެކިތަކާއި ޤަރީނާތައް ވަޒަންކުރުމަށްފަހު ނިންމަވާ ނިންމެވުމެއްކަން އެއްވެސް އޮޅުމެއްނެތި އެނގެއެވެ.
ދަށުކޯޓުގައި ހެއްކާ ޤަރީނާ ވަޒަންކުރެއްވި ފަނޑިޔާރުން އިސްތިޢުނާފް މަރުޙަލާގައި ޝަރީޢަތްކުރެއްވުމަކީ މަސްލަޙަތު ފުށުއަރާކަމެއް!
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި ކަމަށް ބުނެފައިވާއިރު ދަށު ކޯޓަށް ހުށަހެޅުނު ހެއްކާ ޤަރީނާ ދަށު ކޯޓުގައި ވަޒަންކުރެއްވި ފަނޑިޔާރަކު ނުވަތަ ފަނޑިޔާރުން ހަމަ އެ މައްސަލައިގެ އިސްތިޢުނާފީ މަރުޙަލާގައި ޝަރީޢަތްކުރައްވަން ތިއްބެވުމަކީ މަސްލަޙަތު ފުށުއަރާކަމަކަށް ނޫނީ ނުވާނެއެވެ. އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (13) ވަނަ ނަމްބަރުގައި ބަޔާންކުރާ ފަދަ މަސްލަޙަތު ފުށުއެރުމެކެވެ. އެހެނީ އިމްރާން ޢަބްދުﷲ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާޢު ޢުޘްމާން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ފުރަތަމަ މަޖިލީހުގައި ނިންމެވި ނިންމެވުމުން އިމްރާންގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި އޭނާގެ މައްޗަށް އޮތް ތުޙުމަތުގެ އަސްލެއް އޮތްކަމަށް ފަނޑިޔާރަށް ފުރަތަމަ ނަޒަރުން ޤަބޫލުކުރެވޭކަން އެނގެއެވެ. އެހެންކަމުން އިމްރާން ކުށްވެރިވާކަމަށް ފުރަތަމަ ނަޒަރުން (prima facie) ކޮށް ޤަބޫލުކުރައްވައިގެން ތިއްބެވި ދެ ފަނޑިޔާރުން އިސްތިޢުނާފް މަރުޙަލާގައި ތިއްބެވުމަކީ މިނިވަންކަމާއެކު އަދި ވަކިފަރާތަކަށްނުޖެހި މައްސަލަ ބެލުމަށް އޮތް ހުރަހަކަށް ނޫނީ ނުވާނެއެވެ. އެހެނީ އަމިއްލައަށް ނިންމާފައިވާ ނިންމުމަކާ ދެކޮޅަށް އެހެން ނިންމުމެއް ނިންމުމަކީ އެ ފަނޑިޔާރެއްގެ މަސްލަޙަތު ތަންދޭނެ ކަމެއް ނޫނެވެ. އަދި އެއީ ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ވަކިފަރާތަކަށް ނުޖެހި ޝަރީޢަތްކުރުމުގެ ޙައްޤަށް ހުރަސް އެޅޭކަމެކެވެ.
ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އެ މައްސަލާގައި އިމްރާންގެ ފަރާތުން ނެގި އިޖުރާޢީ ނިންމުމަށް ގޮތެއް ނުނިންމޭނެ!
ހައިކޯޓުގައި މައްސަލަބައްލަވާ 2 ފަނޑިޔާރުންނަކީ ދަށު ކޯޓުގައި މައްސަލަ ބައްލަވާފައިވާ ދެ ބޭފުޅުންނަށްވުމުން އެކަން ފާހަގަކޮށް ނެގި އިޖުރާޢީ ނުކުތާއަށް ހަމަ އެ 2 ފަނޑިޔާރުން ހިމެނޭ ބެންޗުން ގޮތެއް ނިންމާފައިވުމަކީވެސް ސުވާލު އުފެދޭކަމެކެވެ. އެހެނީ އިމްރާންގެ ފަރާތުން ނެގި އިޖުރާޢީ ނުކުތާ ރައްދުވަނީ ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާޢު ޢުޘްމާން އަށް ކަމަށްވެފައި ދެން އެ ބެންޗުގައި އިންނެވީ ފަނޑިޔާރު ޢަބްދުﷲ ޙަމީދުކަމަށްވާއިރު އެ ތިން ބޭފުޅުންގެ ތެރެއިން އެ ނިންމުން ނިންމުމުގައި 2 ބޭފުޅެއްގެ މަސްލަޙަތުއޮތް އިރުއ ެބޭފުޅުންނަށް އެ ނިންމެވުން ނިންމެވުމުގައި ބައިވެރިވެވުގެން ނުވާނެތީއެވެ. ދެން އެކަމަށް އޮތް ޙައްލަކީ ހައިކޯޓު މާލޭ ބްރާންޗްގައި ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާޢު ޢުޘްމާން ފިޔަވައި ދެން ތިއްބެވި 3 ފަނޑިޔާރުން އެ އިޖުރާޢީ ނުކުތާއަށް ގޮތެއް ނިންމެވުމެވެ. އެހެނަސް ހައިކޯޓުގައި އިމްރާންގެ މައްސަލައިގެ ޝަރީޢަތުގައި ކަންހިނގާދިޔައީ އެގޮތަކަށް ނޫނެވެ. އިޖުރާޢީ ނިންމުން އިޢުލާން ކުރައްވީވެސް އިޖުރާޢީ ނުކުތާ ރައްދުވާ 2 ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުޖާޢު ޢުޘްމާނެވެ.
އެހެންކަމުން ފަނޑިޔާރުންގެ ނިންމުންތަކުގެ އިތުބާރ ދެމެހެއްޓުމަށާއި ޝަރުޢީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްވެސް މިފަދަ ނިންމުންތަކުން ދުރުވާންޖެހެއެވެ. އިމްރާންގެ މައްސައިގައި ދަށުކޯޓުގައި ޙުކުމް ކުރެއްވި ޤާޟީ މައްސަލައިގެ ހެކިބަސް ނެގުމުގެ ކުރިއަށް 'ގޮތެއް ނިންމައިގެން' ހުންނެވިކަމަށް ވިދާޅުވުމާ އެ މައްސަލަ ފުރަމަ ބެއްލެވި ދެ ފަނޑިޔާރަކު އިސްތިޢުނާފީ މަރުޙަލާގައި މައްސަލަ ބެލުމާ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އިސްތިޢުނާފީ މަރުޙަލާގައި ދަށުކޯޓުގެ ޤާޟީއަށް ޤާނޫނާ ޚިލާފަށް ނުވަތަ ގޯސްކޮށް ނިންމާފައިވާ ނިންމުމެއް ހަމަ އެ ޤާޟީ ނުވަތަ އެ މައްސަލަ ދަށުކޯޓުގައި ބެއްލެވި ޤާޟީއަކު ބެއްލެވުމަކީ ޢަދުލުއިންސާފަށް މަލާމާތްކުރެއްވުމެވެ. ކޮރަޕްޝަނާއި ބޭއިންސާފުގެ ތުޙުމަތުތައް ޝަރުޢީ ދާއިރާއަށް މީހުން އަމާޒުކުރަނީ ސާފުކޮށް ފެންނަން ހުންނަކަންކަމުގައި ކޯޓުތަކުން މިފަދައިން ޢަމަލުކުރާތީއެވެ.
ޙަޤީޤަތަކީ އިމްރާންގެ މައްސަލައިގައި ދަށުކޯޓުގައި ހެކި ވަޒަންކުރައްވާފައި ތިއްބެވި ދެ ފަނޑިޔާރުން ހައިކޯޓުގައި އެ މައްސަލަ ބެއްލެވުމުގައި އެބޭފުޅުންގެ މަސްލަޙަތު ފުށުއަރާކަމެވެ. އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުކަމެއްކަމެވެ. ދެން މިވާހަކަ ދައްކާ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލަންޏާ އުފުލަންވީއެވެ. އެހެނަސް ޙަޤީޤަތަކީ މިއީއެވެ.
ނޯޓް: މި ލިޔުމަކީ ރާއްޖޭގެ އެކި ކޯޓުތަކުގައި ވަކާލާތުކުރައްވައި އަދި ޤާޟީ ކަމާއި ފަނޑިޔާރުކަންވެސް ކުރައްވައި، މިހާރު ރިޓަޔާރކުރައްވާފައިވާ ފަނޑިޔާރަކު އައްޑޫލައިވްގައި ޝާއިޢުކުރުމަށް ފޮނުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން އައްޑޫލައިވްގައި ޝާއިޢުކޮށްފައިމިވަނީ ލިޔުމުގެ އަސްލަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ.