ސަރުކާރުން ބޭނުންވާ ގޮތަށް ނޫސްވެރިންގެ ގަލަންތައް ބިންދާލަން ފުރުސަތު ދިނުމަކީ މެންބަރު އަޅާ ނުއަތުބުރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ ބިލަށް ހުށަހެޅި އިސްލާހްގެ އަސްލު މަގުސަދަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އުވާލުން ކަމަށެވެ.
ސަރުކާރުން ސަރުކާރުން ބޭނުން ވަނީ ނޫސްވެރިންގެ ގަލަންތައް ބިންދާލަން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރަށް ތާޢީދު ކުރާ މެންބަރުން ފުރަތަމަ އެ ވިދާޅުވަނީ އެއް މިލިއަނާ ފަސް މިލިއަނުން ޖޫރިމަނާކޮށް އެއް އަހަރަށް ޖަލަށް ލާ ވާހަކަ ކަމަށާއި ނިކަން އަވަހަށް އެ އެއް އަހަރު ފަސް އަހަރަށް ބަދަލުކޮށް ފަސް އަހަރު 25 އަހަރަށް ބަދަލުކުރާތަން ވެސް ފެނިގެންދާނެ ކަމަށެވެ.
"….އެކަމަކު ވައްކަންކުރީމާ ވައްކަންކުރި ވާހަކަ ނޫސްވެރިން ދައްކާނެ. ވަގަކަށް ވަގެކޭ ނޫން ކީކޭތޯ ބުނާނީ. ވައްކަންކުރީމާ ވައްކަންކުރި ވާހަކަ ބުނާނެ. އެ ވައްކަންކުރީ އެންމެ މަތީވެރިޔާ ކަމުގައި ވިޔަސް އަދި މަތީވެރިޔާގެ ކިތަންމެ ގާތް މީހަކަށް ވިޔަސް އަޅުގަނޑުމެން އެ ވާހަކަ ދައްކާނެ." ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސަރުކާރުން ދަތި ކުރަމުން ގެންދާތީ، އެކަމަށް އިޝާރާތްކޮށް ޝާހިދު ވިދާޅުވީ، އެހުރިހާ ކަމެއް ނުކޮށް ސިޔާސީ ޕާޓީގެ ގާނޫނަށް އެންމެ އިސްލާހެއް ހުށަހަޅައި ޕީޕީއެމް ނޫން އެހެން ޕާޓީއެއް ރާއްޖޭގައި ނޯންނަ ގޮތަށް އިސްލާހް ހުށަހަޅަންވީ ކަމަށެވެ.