ހުޅުމީދޫގައި ގާއިމު ކުރާ ފަޔާ ސްޓޭޝަން އިމާރާތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވާން ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،500ރ. ވެސް ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000ރ. ބަހައްޓަން ޖެހެ އެވެ.
ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސަންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ޑިފެންސް މިނިސްޓްރީން ހިންގާ މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުގެ ބިޑްތައް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު ފިނޭންސް މިނިސްްޓްރީގަ އެވެ.