ފެމެލީ ކޯޓުގެ ދިރާގު ފޯނުލައިންތައް ކެނޑިފައި ހުރުމުގެ ސަބަބުން ބައެއް ކައިވެނިތައް ކުރުމަށް ބުރޫ އަރައިފި އެވެ.
ފެމެލީ ކޯޓުން މިއަދު ބުނީ ދިރާގުގެ ފޯނުލައިންތަކުގެ ހިދުމަތް ކެނޑިފައި ހުރުމުގެ ސަބަބުން އެކޯޓުން ރަށު ކޯޓުތަކަށް ފޮނުވާ ފެކްސްތަކަށް ޖަވާބް ނުލިބުމުގެ ސަބަބުން ކައިވެނީގެ ރިކޯޑު ސާފު ނުކުރެވޭވޭތީ ތާވަލު ކޮށްފައިވާ ބައެއް ކައިވެނިތައް ކުރުމަށް ބުރޫ އަރާފައިވާ ކަމަށެވެ.
ފެމެލީ ކޯޓުގެ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ފޯން ލައިންތަކަށް މައްސަލަ ދިމާވުމުގެ ސަބަބުން އަތޮޅުތެރޭ ފަރާތްތަކުގެ ބައެއް ކައިވެނިތައް ލަސްވަމުން އަންނަ ކަމަށެވެ.
"މާލޭގައި ތިބި ބައެއް ނަމަ ރިކޯޑް ސާފް ކުރަން ފުދޭ ވަރަކަށް ފަސޭހަ. ގިނަ ފަހަރު ސާފުކުރަން ނުވެސް ޖެހޭ. އެކަމަކު ރަށުގައި ތިބޭ ކުދިންނަށް ވަރަށް ދަތިވާނެ މިހެން ވުމުން"
މައުލޫމާތު ލިބިފައިވާ ގޮތުގައި ވައިބާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފެމިލީ ކޯޓުގެ ފަރާތުން ގެންދަނީ، ރިކޯޑް ސާފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މުވާސަލާތީ ކުންފުނި ދިރާގުން އެކުންފުނީގެ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު ފެމިލީ ކޯޓުގެ އިތުރުން މާލޭގައި ހުންނަ ސަރުކާރުގެ ބައެއް އޮފީސްތަކުގެ ފޯން ލައިންތަކަށް ވެސް ވަނީ މައްސަލަތައް ދިމާވެފައެވެ.
ދިރާގުގެ ކޭބަލްތަކުގެ މަސައްކަތް މިދުވަސްކޮޅު އެފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އެކުންފުނިންވަނީ ބުނެފައެވެ. އެމަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.