Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

އައްޑޫގެ ހާލަތު ވަރަށް ދަށް: ޔަސްރިފް

އައްޑޫގެ ހާލަތު މިހާރު އޮތީ ވަރަށް ދަށުގައި ކަމަށާއި އައްޑޫގެ އިގްތިސާދުގައި ދައުރުވާ ފައިސާ ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ކައުންސިލަރު މުހައްމަދު ޔަސްރިފް މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި އައްޑޫ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ އައްޑޫގެ ކަރަންޓްގެ އަގު ވެސް އިންތިހާ އަށް ބޮޑުކޮށްފައިވާ ކަމަށެވެ.

"އައްޑޫގެ މަގުތައް ނުބެލެހެއްޓޭ. އަޅުގަނޑުމެން މި ތިބީ މިސްކިތްތައް ނުބެހެއްޓިގެން ވަރަށް ބޮޑަށް ދެރަވެފައި،" ޔަސްރިފް ވިދާޅުވި އެވެ.

ޔަސްރިފް ވިދާޅުވީ ރައްޔިތުންގެ މަޖިލިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާ އެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަރަށް އުއްމީދީ ޖަވާބުތަކެއް ދެއްވާފައިވާ ކަމަށެވެ. އަދި ލާ މަރުކަޒީ ގާނޫނު ނަގަހައްޓައި ދެއްވާނެ ކަމަށް ނިހާން ވައުދުވެވަޑައިގެންނެވި ކަމަށް ޔަސްރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާ މަރުކަޒީ ގާނޫނަށް އަލުން އިސްލާހު ގެންނަވަން އަންނަ މަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ނިހާން ވިދާޅުވި ކަމަށެވެ.

ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމަށް ނިސްބަތްވާ ހަމައެކަނި މެމްބަރު އަލީ މުހައްމަދު (އައްދު) ވިދާޅުވީ އެ ކައުންސިލްގެ މެމްބަރުންގެ ވިސްނުމަކީ އަބަދުވެސް ހެޔޮ ނިޔަތުގައި ރައްޔިތުންނަށް މަތީ ދަރަޖައިގައި ހިދުމަތް ދިނުން ކަމަށެވެ.

11058303_540132429462355_6777447276135141183_n

"އަޅުގަނޑުމެންގެ ތެރޭގައި އެއްބަސްނުވެވޭ ކަންތައްތަކެއް އެބަހުރި. އެކަމަކު އަޅުގަނޑުމެންގެ މި ވެރިކަން ކުރާ އަޅުގަނޑުމެން އުޅޭ ތަން އޮތީ ވަރަށް ދުރުގައި. އެހެންވެ އަޅުގަނޑުމެންގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަށް ވަރަށް ބޮޑު ޗެލެންޖްތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު (ޓޮމް) ވިދާޅުވީ މިދިޔަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީގެ މަފްހޫމާ ހިލާފު އިސްލާހެއް ކަމަށެވެ.

"އެ އިސާލާހާ ގުޅިގެން ރައްޔިތުންނަށް ދޭ ހިދުމަތްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފި. ގެއެއްގެ އިން ވަކިކުރުމަށް މިހާރު ޖެހެނީ ޑރ. މުހައްމަދު މުއިއްޒު އަށް ވެދުން ސަލާމަށް ފަހު ދަންނަވަން ކިޔާފައި މާލޭގެ މިނިސްޓްރީ އަށް ސިޓީ ފޮނުވަން،" އޭނާ ވިދާޅުވި އެވެ. "މި ގާނޫނު ގެނައީ ރައްޔިތުންނާ ގާތުން ހިދުމަތެއް ދިނުމަށްޓަކައި."