2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ގެއްލިފައިވާ މިނިވަންނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބުނާ މުހައްމަދު ސުވައިދު މިހާރުވީ ރާއްޖެއިން ބޭރުގައި ކަމަށް ފުލުހުން ބުނިއިރު ، އޭނާ ދުނިޔޭގައިވެސް މިހާރު ނެތްކަން އައްޑޫ ލައިވް އަށް ވަރަށް އިތުބާރު ހުރިގޮތަކަށް އެނގިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ސުވައިދު ވަނީ މިދިޔަ އަހަރު ސީރިޔާ ހަނގުރާމައިގެ ތެރޭގައި ދުނިޔެ ދޫކޮށްފައެވެ. އަދި މިކަން ފުލުހުންގެ ޓީމެއް ސުވައިދުގެ އާއިލާ އާ ބައްދަލުކޮށް ޔަގީންކޮށްފައިވާކަން އެނގިފައިވެއެވެ.
މިމަހު ދެވަނަ ދުވަހު ފުލުހުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ، ފުލުހުންގެ ޓީމެއް ސުވައިދުގެ އާއިލާ މީހުންނާ ބައްދަލުކޮށްފައިވާކަމަށް އާއިލާގެ ފަރާތުން އައްޑޫލައިވް އަށް މައުލޫމާތު ދީފައިވެއެވެ.
އެދުވަހު ސުވައިދު ދުނިޔެ ދޫކޮށްފައިވާ ކަމުގެ ފުރިހަމަ މައުލޫމާތު އާއިލާގެ ފަރާތުން ފުލުހުންނަށް ދީފައިވާކަމަށްވެސް އެފަރާތުން މައުލޫމާތުދިނެވެ.
އަދި ސުވައިދު މިހާރު ދުނިޔޭގައި ނެތުމުން ރިލްވާން ގެއްލުވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭނާ ކަމަށް ފުލުހުން ހެދީކަމަށްވެސް އާއިލާގެ ފަރާތުން ތުހުމަތުކުރެއެވެ.
ރިލްވާން ވީނުވީއެއް ނޭނގި ގެއްލިފައިވާތާ ހަ ސަތޭކަ އެތައް ދުވަހެއް ވެފައިވާއިރުވެސް ފުލުހުންގެ ތަހުގީގަށް އޭނާ އަށް ވީގޮތެއް ހޯދިފައި ނުވެއެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިހާރު ދުނިޔޭގައި ނެތް މީހެއްގެ ފޮޓޯ އާންމުކޮށް ، އިސްކޮށް ހަރަކާތްތެރިވި މީހާކަމަށް ބުނުން ފިޔަވައި އިތުރު ހަރުދަނާ މައުލޫމާތެއް ފުލުހުން މިހާތަނަށް ދީފައި ނުވެއެވެ.
ރިިލްވާން ގެއްލުވާލި މައްސަލައިގަ ފުލުހުން ހިންގާ ތަހުގީގު ދޯދިޔާކަަމުން ގިނަ ބައެއްގެ ފާޑި ކިއުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. އަދި ހޯމް މިނިސްޓަރު އުމަރު ވަނީ މަޝްހޫރު ނޫން ނޫސްވެރިއަކު ގެއްލުމަކީ އެހާ ބޮޑު މައްސަލައެއް ނޫންކަމަށް ދޭހަވާގޮތަށް ވާހަކަފުޅުވެސް ދައްކަވާފައެވެ.